ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ދެރަވެ އަނެއްކާވެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
މިދިޔަ މަހުވެސް ހާލު ދެރަވެ ގާސިމް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު ސަރުކާރުން ވަނީ ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އަދި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އެދުމުން ސަރުކާރުން ވަނީ އެކަން ކޮށްދިނުމަށް ދެކޮޅު ހަދާފައެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރުންވެސް ވަނީ ގާސިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށްބުނެފައެވެ. ގާސިމްގެ ވަކީލުން ބުނެފައިވަނީ ގާސިމްއަކީ ދިގު މުއްދަތެއް ވަންދެން ހިތާއި ފުއްޕާމޭގެ އާލާސްކަންފުޅެއް ތަޙައްމަލް ކުރައްވާ ބޭފުޅެއް ކަމަށާއި ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ގާސިމްގެ ހާލު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.
ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށްބުނެ ވަކީލުން ވަނީ ޕާސްޕޯޓު ދޫކޮށްދިނުމަށް ތަކުރާރުކޮށް ކޯޓުގައި އެދި، ލިޔެކިޔުންތައްވެސް ހުށައަޅާފައެވެ.
ގާސިމްގެ އާއިލާއާއި ވަކީލުން ވަނީ ގާސިމްގެ ސިއްހީ ހާލަތާމެދު ދިވެހި ސަރުކާރުން އިހުމާލުވަމުން އަންނަ ކަމަށްބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.