ދައުލަތުގެ މީޑިއާ ޕީއެސްއެމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިނގާފައިވާ ކަންކަމާ ގުޅޭ ގޮތުން "އަނިޔާ" ނަމުގައި ޕްރޮގްރާމެއް އުފައްދައި އިޝްތިހާރު ކުރަން ފަށައިފި އެވެ.
"އަނިޔާ"ގެ ޓްރައިލާއެއް ޕީއެސްއެމްގެ ޓީވީއއެމުން އާއްމުކޮށްފައިވާ އިރު އެއިން ދައްކައި ދެނީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އާއި އެކަމާއި ގުޅިގެން ރައީސް މައުމޫން ދައްކަވާފައިވާ ވާހަކަފުޅު ތަކެވެ.
މީގެ އިތުރުން އެމަނިކުފާންގެ ވެރިކަމުގެ ފަހުކޮޅު އިދިކޮޅު އެމްޑީޕީން އޭރު މާލޭގައި ބޭއްވި މުޒާހަރާތަކުގެ ވީޑިއޯ ހިމަނާފައިވެއެވެ.
ރައީސް މައުމޫން އާއި ގުޅޭ މިފަދަ ވީޑިއޯއެއް ދައުލަތުގެ މީޑިއާއިން ދައްކަން ތައްޔާރުވަމުން އަންނަ އިރު މީގެ ކުރިން ޕީއެސްއެމްގެ އޮންލައިން ސައިޓުގައިވެސް ވަނީ މައުމޫންގެ އަބުރުކަތިލެވޭ ފަދަ އާޓިކަލެއް ޝާއިއުކޮށްފައެވެ.
ދައުލަތުގެ މީޑިއާއިން މިފަދަ ވީޑިއޯއެއް ދައްކަން މަސައްކަތް ކުރާތީ އެތައް ބަޔަކު ދަނީ މިކަން ހުއްޓުވުމަށް ބްރޮޑްކާސްޓިން ކޯޕަރޭޝަން ޓެގްކޮށް ސޯޝަލް މީޑިއާގައި އެދެމުންނެވެ.