Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޒަހަމްވި ފުލުސް މީހާ ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރަނީ

މާފުށީ ޖަލަށް މަސްތުވާތެކެއްޗާއި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާންތަކެއް ވައްދަން އުޅޭކަމުގެ އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާންއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން އައިޖީއެމްއެޗްއިން ފަރުވާ ދެމުން އަންނަ އިރު އޭނާގެ ފުއްޕާމޭގެ އިތުރު ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަލީ ރައްޒާންއަށް ވަޅިން ދިން ހަމަލާ އާއި ގުޅިގެން ކުރެވުނު އޮޕަރޭޝަނުގައި ފާހަގަކުރެވިފައި ނެތް އިތުރު ގެއްލުންތަކެއް ފުއްޕާމެޔަށް ލިބިފައިވާކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ލަފާ ކުރެވޭތީ ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަން ކުރުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ތައްޔާރު ވަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ޢަލީ ރައްޒާނަށް ދިން މިހަމަލާ އަމާޒުވެފައިވަނީ އޭނާގެ ކުރިމަތިން ވައަތު ކޮނޑާ މެއާ ދޭތެރެއަށެވެ. ރައްޒާނަށް ލިބުނު ޒަޚަމަށް މާފުށީ ސިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެހީތެރިކަމާއެކު ވަނީ މާލެ ގެނެސްފައެވެ. އަދި އޭނާއަށް އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

މިހާދިސާގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ އިރު އޭގެ ތެރެއިން 3 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އިރު މި ހާދިސާ ހިންގުމުގައި ބައިވެރިވި 18 އަހަރުންގެ ދަށުގެ ކުއްޖާ ޖުވަނައިލް ކޯޓުން ވަނީ ދޫކޮށްލާފައެވެ.