Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

އެތައް ބަޔަކަށް ގާސިމްގެ ބޭސް ފަރުވާ އެކަމަކު ގާސިމް ފަރުވާއިން މަހުރޫމް!

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވުޖޫދަށް ގެނައި ބޭސްފަރުވާގެ ނިޒާމްގެ ކުރީން ދިވެހި ރައްޔިތުންނަށް ބޭސްފަރުވާގެ ދީލަތި އެހީތެރިއަކީ އޮނަރަބުލް ގާސިމް އިބްރާހިމްއެވެ. ކެންސަރު ބައްޔާއި ދިގު މުއްދަތުގެ ބޭސްފަރުވާ ބޭނުންވި ދިވެހި އެތައް ރައްޔިތަކަށް އެހީތެރިވި ގާސިމް އިބްރާހިމް މިއަދު އޮންނެވީ އަމިއްލަ ބޭސް ފަރުވާއިން މަހްރޫމްވެފައެވެ.

މިއީ މިއަދު އެތައް ރައްޔިތަކަށް ފުން ހިތާމައެއް އިހްސާސް ކުރެވޭނެ ކަމެކެވެ. ނަމަވެސް މިއަދު މިވާހަކަ ދައްކާ އަޑު ވަރަށް މަޑެވެ.

ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި އޮތް ޖަލްސާއެއްގައި އެމަނިކުފާން ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ރިޝްވަތުގެ ތުހުމަތުކޮށް އެމަނިކުފާން ކޯޓު ރޫމް ތަކުގައި ތަޅުވާއިރު ގާސިމްގެ ސިއްހީ ހާލުކޮޅު ވަރަށް ސީރިއަސްއެވެ.

ގާސިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރުމަށް ރާއްޖޭން ބޭރަށް ދާން ޖެހޭކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ބުނެފައިވާ އިރު ގާސިމްގެ ޕާސްޕޯޓް ދައުލަތުން މިވަނީ ހިފަހައްޓާފައެވެ. މިއަދު ކުއްލި ގޮތަކަށް އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާއިރު މިއަދު ހެނދުނު 10:30 ގައި ގާސިމްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ތާވަލް ކުރިއެވެ. ނަމަވެސް ގާސިމް އެޑްމިޓް ކުރުމާއި ގުޅިގެން ފަހުންވަނީ އެޝަރީއަތުގެ މަޖްލިސް ކެންސަލްކޮށްފައެވެ.

ދިވެހި އެތަކެއް ރައްޔިތަކަށް އެހީތެރިވެދެއްވި އަދި މިހާރުވެސް އެހީތެރިވަމުން އަންނަ ގާސިމް އަކީ ރާއްޖޭގެ ޒުވާނުން ބިނާކުރެއްވުމަށް އެންމެ އަގުހުރި މަސައްކަތް ކުރެއްވި އެއް ބޭފުޅާއެވެ. ގާސިމްގެ އެހީގައި މަތީ ތައުލީމް ހާސިލް ކުރެއްވި އެތައް ދަރިންނެއް މިއަދު މިގައުމުގެ މަތީ މަގާމު ފުރުއްވަމުންދާ އިރު މިއީ ވިސްނާލަން ޖެހޭ ކަމެކެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އައިރު ގާނޫނީ ދައުވާއެއް ކަމަށް އެމަނިކުފާންގެ ވަކީލުން ވިދާޅުވަމުންދާ އިރު މިވާހަކަތަކަށް އެއްވެސް އިޖާބައެއް އެއްވެސް ދިމާލަކުން ނުދެއެވެ.

ގާސިމް ބަލިހާލުގައި އެނދުމަތި ކުރެވިފައިވާ އިރު އެމަނިކުފާނަށް އިހްސާންތެރިވާނެ އެއްވެސް މީހަކު ނެތުމަކީ ވަރަށް ލަދުވެތި ކަމެކެވެ. ނުހައްގުން އަނިޔާލިބި ބޭސް ފަރުވާއިން މަހްރޫމްވެފައި އޮތުމަކީ މިއަދު މި ގައުމު ލަނދުވެތިވާން ޖެހޭނެކަމެކެވެ.

އަޅުގަނޑުގެ ދުއާ އަކީ މާތް ﷲ ގާސިމް އިބްރާހިމްއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެމަނިކުފާންއަށް ދިމާވެފައިވާ މުސީބާތުން ސަލާމަތް ކުރެއްވުން. އާމީން