މާފުށީ ޖަލުގައި 33 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ލޮލުގެ ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް އަދީބު ވަނީ ލޮލުގެ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓުމެންޓު ހަދައި މާލެ ގެނެސްފައެވެ. ނަމަވެސް އެދުވަހު ކަށީގެ ޑޮކްޓަރަކަށް އެޕޮއިންޓުމެންޓު އޮޅިގެން ހެދިފައިވާތީ އަދީބު ވަނީ ޑޮކްޓަރަށް ނުދެއްކި އަނބުރާ ޖަލަށް ގެންގޮސްފައެވެ.
އަދީބުގެ އާއިލާއާ ވަކީލުންނާ ވަނީ އަދީބުގެ ސިއްހީ ހާލު ދެރަވެ، ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ތަކުރާރުކޮށް ސަރުކާރުގައި އެދިފައެވެ. ނަމަވެސް އަދީބު ބޭރަށް ފޮނުވައިފިނަމަ ފިލާފާނެކަމަށް ސަރުކާރަށް ގަބޫލުކުރެވޭތީ ބޭރަށް ފޮނުވުމަށް ވަނީ ދެކޮޅު ހަދާފައެވެ.
އެހެން ނަމަވެސް ސަރުކާރުން ބުނެފައިވަނީ ކޮންމެ ރައްޔިތަކޭ އެއްފަދައިން އަދީބަށްވެސް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލު ނުވާނެ ކަމަށެވެ. އަދި ބޭރުން ޑޮކްޓަރަކު ގެންނަން ޖެހިއްޖެނަމަ ބޭރުން އެޑޮކްޓަރަކު ގެނެސްގެން ވިޔަސް އަދީބުގެ ބޭސްފަރުވާ ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.