ސިއްހީ ހާލުކޮޅު ދެރަވެގެން އޭޑީކޭގައި އެޑްމިޓްކޮށްފައިވާ ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް މިރޭ 8 ޖެހިއިރު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖްލިހަށް ހާޒިރުވެވަޑައި ނުގަތުމާއި ގުޅިގެން ޝަރީއަތް ކެންސަލްކޮށްފިއެވެ.
ގާސިމްއަށް މިއަދު ކްރިމިނަލް ކޯޓުން ފޮނުއްވި ޗިޓްގައިވާ ގޮތުން ޝަރީއަތަށް ހާޒިރު ނުވެއްޖެނަމަ ޢައިރު ހާޒިރުގައިވެސް ޝަރީއަތުގެ މަޖްލިސް ކުރިއަށް ގެންދާނެކަމަށް ވަނީ އަންގާފައެވެ. ގާސިމްގެ ވަކީލުންގެ ޓީމުން ބުނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގައިވާ ގޮތުން ބަލިވެގެން ކޯޓަށް ހާޒިރު ނުވެވޭ ނަމަ ދެ ދުވަސް ވަންދެން އެ މައްސަލައެއްގެ އިތުރު އަޑުއެހުމެއް ނުބޭއްވޭނެއެވެ. އެހެންވެ މިރޭގެ ޝަރީއަތަށް ގާސިމް އާއި ވަކީލުން ވަޑައިނުގަންނަވާނެ ކަމަށެވެ.
ގާސިމްގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އޭގެތެރެއިން މިހާރު ޝަރީއަތް ފަށާފައިވަނީ މަޖްލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަމުގެ ދައުވާއެވެ.
ގާސިމްގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން މިއަދު ހެނދުނު އަނެއްކާވެސް އެމަނިކުފާން ވަނީ އޭޑީކޭގައި އެޑްމިޓްކޮށްފައެވެ. އެމަނިކުފާންގެ ހިތުގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރުން ލަފާދީފައިވާ އިރު ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.