Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އަނަސް މަރާލި މީހުން ހޯދައިފި

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ "ލިޓަސް ސާވިސް ސެންޓަރ" ތެރޭ ވަޅިން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސް މަރާލި ހާދިސާގައި ހިމެނޭ މީހުން ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ ރޭ ހައްޔަރު ކުރި 12 މީހުންގެ ތެރޭގައި އަނަސް މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ހިމެނޭކަމަށެވެ. މިއެންމެން ވެސް ހައްޔަރުކޮށްފައިވަނީ މ. އަސަރީހިޔާގައި ތިއްބައެވެ. އެގޭތެރެއިން މާރާމާރީ ހިންގަން ބޭނުންކުރާ ގިނަ ސާމާން ފުލުހުން ވަނީ އަތުލައިގެންފައެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނަސް މަރާލި މީހުން "ވަޅި ކަތިވަޅި" ހިފައިގެން ގޮސްފައިވަނީ ހާމަކަން ބޮޑު ގޮތަކަށް މަޖީދީ މަގުންނެވެ. 5 ސައިކަލުގައި 10 މީހުން ދިޔައިރު އެމީހުންގެ މޫނު ހުރީ ނިވާކޮށްފައެވެ.

އަނަސް މަރުވީ އެހަމަލާ ދިންތާ ގަޑިއެއްހާއިރު ނުވަނީސް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.