Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޔާމީން މިހާރު އެ ހުންނެވީ ކަނަކަށް ލާފައި: ރިޔާޒް

ރައީސް އަބްދުﷲ ޔާމީނަކީ ވަރަށް އަނިޔާވެރި ޚުދްމުހުތާރު ބޭފުޅެއްކަމަށާި ނަމަވެސް މިހާރު ހުރީ ކަނަކަށް ލާފައިކަމަށް ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަ ސުރުހީ"ގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން މުޅިންވެސް ދިވެހި ރައްޔިތުންނަށް ފެންނަނީ އެމަނިކުފާންގެ އަނިޔާވެރިކަން ކަމަށެވެ. އެގޮތުން މަޖްލިސްގެ ހަތަރު މެމްބަރަކު ގަވާއިދާއި ހިލާފަށް ޖަލަށް ލައްވާފައިވާކަމަށް ރިޔާޒު ވިދާޅުވިއެވެ.

މެމްބަރ ސައުދުގެ މަންމަ އިއްޔެ ނިޔާވި ހާދިސާއަށް އަލިއަޅުއްވައި ރިޔާޒު ވިދާޅުވީ ސައުދަށް ނުހައްގުން ހައްޔަރުކޮށް އަނިޔާ ދެމުން ދަނިކޮށް ސައުދުގެ މަންމަ ނިޔާވުމުންވެސް ކުލުނާއި އިންސާނިއްޔަތުގެ ކަންފުޅެއްވެސް އިސް ކުރައްވާފައިނުވާކަމަށެވެ.

ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ފެންނަނީ ކްރިމިނަލް މައިޑެއްކަމަށެވެ. އެގޮތުން އަރިހުގައި ތިއްބަވާ ބޭފުޅުންނަށް އެއްވެސް އިތުބާރެއް ނުކުރައްވާ ކަމަށާއި ކޮންމެ ފަދަ ކަމެއްވެސް ކުރައްވަފާނެކަން ހާމައަށް ފެންނަމުން އަންނަ ކަމަށެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ މަޖްލިސްގައި ރައީސް ޔާމީން ދަމަހައްޓަމުން ދިޔަ މެޖޯރިޓީ ގެއްލުމާއި ގުޅިގެން ގާނޫނު އަސާސީ ފުނޑާލައި މިހާރު އިސްކުރައްވަނީ މުލައްދަޑީގެ ބާރުކަމަށެވެ. ނަމަވެސް އެހުރިހާ ބާރެއް ކެނޑެމުން ގޮސް އެންމެ ފަހުން މިހާރު އެވަނީ ކަނަކަށްލާފައިކަމަށެވެ.

ރިޔާޒުގެ ބަހުގެ ހަމަލާތައް ރައީސް ޔާމީނަށް ރޭ އަމާޒު ކުރީ އުނގޫފާރު ދާއިރާގެ މެމްބަރ އަލްމަރުހޫމް ޑރ. އަފްރާސީމް އަލީގެ މަރާލި މައްސަލަ ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ހުމާމް އާއި ސަރުކާރުގެ އިސްވެރިއަކު ރިސޯޓެއްގައި ބައްދަލުކުރިކަމަށް އިއްޔެ ވިދާޅުވުމާއި ގުޅިގެން ދެއްްކެވި ވާހަކަފުޅުގައެވެ.

ރިޔާޒު ވިދާޅުވީ އެފަދަ ވާހަކައެއް މިއަދު ރައީސް ދައްކަން ޖެހޭ ސަބަބެއް ނެތްކަމަށާއި އެކަން ފުލުހުން ތަހްގީގު ކުރަންޖެހޭ ކަމަށެވެ. އަދި މިއަދާއި ހަމައަށް ރައީސަށް އެފަދަ ކަމެއް ނޭގި އޮތުމަކީ މައްސަލައެއް ކަމަށެވެ. އަދި މިއަދު އެވާހަކަ ދައްކަވަނީ ނޫސް ހެޑްލައިން ބަދަލުކޮށްލުމަށްކަމަށެވެ.