ސ. އަތޮޅު ތައުލީމީ މަރުކަޒާއި މުހިއްބުއްދީން ސްކޫލް އެއްކޮށްލައި އުފެއްދި ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް ސ. ފޭދޫ ދުންފިނިގޭ އަހުމަދު މިހާދު ހަމަޖައްސައިފި އެވެ.
ޝަރަފުއްދީން ސްކޫލުގެ ޑިޕިއުޓީ ޕްރިންސިޕަލް ޙަސަން ޒަރީރު "އައްޑޫ ލައިވް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން އެ ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަޤާމަށް މިހާދު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަމަޖައްސަވާފައިވާ ކަމަށެވެ.
"މިހާދަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ޤާބިލް ޕްރިންސިޕަލް. އޭނާއަކީ ޝަރަފުއްދީން ސްކޫލު އެ ސްކޫލެއްގެ މާޒީކަމުގައި ޙިއްސާ ކުރާ މުޙިއްބުއްދީން ސްކޫލްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަރަފުއްދީން ސްކޫލު ޢާއިލާގެ މެމްބަރެއް. އޭނާ އަކީ ސްކޫލުގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅާ." ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ ﷲގެ އިރާދަ ފުޅާއެކު މިހާދުގެ މާލިމީ ކަމުގައި ޝަރަފުއްދީން ސްކޫލް އާއުދަރެސްތަކަކަށް ވާޞިލްވާނެކަމަށެވެ.
"ސްކޫލުގެ ދަރިވަރުން ތަޢުލީމީ ގޮތުން އާއުސްމިންތަކެއް ޙާޞިްލްކުރާނެކަން ޔަޤީން. އެހެންކަމުން މިއަދު ސްކޫލުގެ ހުރިހާ މުއައްޒަފުންގެ މޫނުމަތީންވެސް ފެންނަނީ ހިނިތުންވުން. އަޅުގަނޑުމެންގެ ތެރޭގައި އޮތް ސްކޫލް ޓީމަކީ، ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ހީވާގި އަދި ތަޖުރިބާހުރި ނަތީޖާ ޙާޞިލް ކުރާ ޓީމެއް. އެހެންކަމުން އަޅުގަނޑުމެން މިތިބީ މިހާދާއިއެކު އިތުރު ގިއަރެއްގައި މަސައްކަތްކޮށް މިއަށްވުރެ ރަގަޅު ނަތީޖާ ތަކެއްނެރެން، އެކަމުގެ ޢަޒުމުގައި. ދެންއޮތީ ފަސްބެލުމެއްނެތި ކުރިއަށްދިއުމުގެ ވަގުތު" ޒަރީރު ވިދާޅުވިއެވެ.
ޒަރީރު އިތުރަށް ވިދާޅުވި ގޮތުގައި މި ވޭތުވެ ދިޔަ ދުވަސްތަކުގައި ސްކޫލުގައި ޕްރިންސިޕަލްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވަނީ އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕްލް އިބްރާހީމް ނަދީމެވެ.
ނަދީމުގެ ޕްރިންސިޕަލް ކަމުގައި މިދިޔަ އަހަރު ޝަރަފުއްދީން ސްކޫލުގެ ދަރިވަރުން ހޯދާފައިވާ ނަތީޖާއަކީ މިހާތަނަށް އެ ސްކޫލު ހޯދި އެންމެ ރަގަޅު ނަތީޖާ އެވެ.
އެހެންކަމުން އެ ސްކޫލުގެ ޓީޗަރުންނާއި މުއައްޒަފުން ނަދީމަށް ޝުކުރުވެރި ވަނީ ޚިދުމަތުގެ އަގު ވަޒަން ކުރަމުންނެވެ.