ދިވެހި ރާއްޖެއަށް ފެންނަ ހަނދުކޭތައެއް ހިފާނެއެވެ. ފަޅި ހަނދުކޭތައެއްގެ ގޮތުގައި މިކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 8:50 ގައެވެ.
އޭޝިޔާގެ ބޮޑު ބަޔަކާއި އޮސްޓްރޭލިއާ އަދި ޔޫރޮޕާއި އެފްރިކާގެ ބައެއް ގައުމުތަކަށްވެސް ކޭތަ ފެންނާނެއެވެ. އަދި މިގައުމުތަކަށްވެސް ފެންނާނީ ރާއްޖެއެކޭ އެއްފަދައިން ފަޅި ހަނދުކޭތައެކެވެ.
ބިމުގެ ގަދަ ހިޔަނި ހަނދަށް އެޅި ކޭތަ ރަނގަޅަށް ހިފާނީ މިރޭ 10:22 ގައެވެ. ކޭތަ ނަމާދު ކުރުން މިރޭ 9:00 ގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ހަނދުކޭތަ ހިފިތާ ދެ ހަފްތާ ފަހުން އިރުކޭތަ ހިފާއިރު މިމަހުގެ 21 ވަނަ ދުވަހު ފުރިހަމަ އިރުކޭތައެއް ހިފާނެއެވެ. ނަމަވެސް މި ކޭތަ ރާއްޖެއަށް ނުފެންނާނެއެވެ. ހަނދުކޭތަ ހިފުމުގެ ކުރިންވެސް ބައެއް ފަހަރު އިރު ކޭތަ ހިފައެވެ.