ގައުމު ހަލަބޮލިވެފައިވާ މި ދުވަސްވަރު އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވާ އެއްބަޔަކީ ދިވެހި ފުލުހުންނެވެ. ހާއްސަކޮށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރަމުންދާ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އާދަޔާ ހިލާފް ބާރެއް ބޭނުން ކުރާކަމަށް ބުނެއެވެ.
މާލޭގެ މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން މީސް މީހުންގެ މޫނަށް ފާޅުގައި ޕެޕަ ސްޕްރޭ ޖަހާކަމަށް އަބަދުވެސް މިދަނީ ވާހަކަ ދައްކަމުންނެވެ. ފުލުހުންގެ ތެރޭގައި ހިމެނޭ އެސްއޯ ފުލުހުން އިދިކޮޅު ލީޑަރުންނާއި މަޖްލިސް މެމްބަރުންނަށް އިހްތިރާމެއް ނެތި ހައްޔަރު ކުރާ ވާހަކައެވެ.
އެވާހަކަތައް މިއަދު ރާއްޖޭގެ ޖައްވުގައި ގަދަ އަޑުން ގުގުމާލާފައި ވަނިކޮށް އަނެއްކާވެސް ތަފާތު ފޮޓޯއެއް މިވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް މިއަދު ފުލުހުންގެ ހާއްސަ ދެ އޮޕަރޭޝަނެއްގެ ފޮޓޯ ޝެއާ ކުރައްވާފައެވެ. އެއް ފޮޓޯގައިވަނީ މާލޭގައި މީގެ ހަފްތާއެއް ހާ ދުވަސް ކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން މެމްބަރ އަލީ އާޒިމް ފުލުހުން ހައްޔަރުކޮށްގެން ގެންދާ މަންޒަރެވެ. އަނެއް ފޮޓޯއިން ފެންނަނީ މިދިޔަ ޖުލައި މަހު 31 ވަނަ ދުވަހުގެ ރޭ ރަހުމް ކުޑަގޮތަކަށް މަރާލި މުހައްމަދު އަނަސްގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކާއި އެމީހާ ހައްޔަރު ކުރަން ދިޔަ ފުލުސް މީހާއާއި ދެމީހުންގެ ފޮޓޯއެކެވެ.
މަހްލޫފް ވިދާޅުވީ މިދެފޮޓޯއިން ދައްކައިދެނީ ގައުމުގެ ހަގީގީ ހާލަތެވެ. އެގޮތުން މީހުން މަރާ މީހުންނަށް ވުރެ އިދިކޮޅު ފަރާތްތައް ގައުމުގެ ސަލާމަތަށް މާ ބޮޑު ނުރައްކަލަކަށް ވެފައިވާ ކަމަށެވެ.
މި ފޮޓޯ އެތައް ބަޔަކު އަންނަނީ މިފަދައިން ޝުއޫރު ފާޅުކޮށް ޝެއާ ކުރަމުންނެވެ.