Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

ސައުދާއި ވައްޑެގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދެ މެމްބަރުން ކަމަށްވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމައިފިއެވެ.

ދެމެމްބަރުންވެސް ވަނީ އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. އަދި ސުޕްރީމް ކޯޓުންވަނީ މެމްބަރުން ހުށައެޅި މައްސަލަ ބަލައިގެންފައެވެ.

ވަކި ވަކިން އެޖެންޑާކުރި ދެ މައްސަލައިގެ އަޑުއެހުންތައް މާދަމާގެ ހެނދުނު 10:30 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ މެމްބަރު ވައްޑެގެ މައްސަލައެވެ.

ސައުދުގެ މައްސަލަ ތާވަލް ކޮށްފައިވަނީ މާދަމާ މެންދުރު ފަހު 1:30 އަށެވެ. ދެމެމްބަރުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މެމްބަރުން ނޫންކަމަށް ކަނޑައަޅާފައިވާ މެމްބަރުންތަކެއް މަޖިލީހަށް ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު ވަންކަމަށް ތުހުމަތުކޮށް މެމްބަރު ސައުދާއި ވައްޑެ ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ މެމްބަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.