Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

ހުމާމާ ބައްދަލު ކުރި މައްސަލަ ބެލިން، ހެއްކެއް ނުލިބޭ: އުމަރު

ފޮޓޯ-ވީނިއުސް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަމުގެ މަގާމު ފުރުއްވި ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މަރާލިކަމުގެ ކުށް ސާބިތެވައިވާ ހުސެން ހުމާމާ ދައުލަތުގެ އިސްވެރިޔަކު ބައްދަލުކުރި މައްސަލަ ބަލަން ފެށިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ވިދާޅުވެފައި ވަނީ އޭރު އެމަނިކުފާނު މަގާމުގައި ހުންނެވިއިރު މައްސަލަ ބެލި ކަމަށާއި ނަމަވެސް ތަހުގީގަށް ބޭނުންވާވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ. އުމަރު ވިދާޅުވެފައިވަނީ މައްސަލަ ތަޙުގީގު ކުރަން ފެށީ ސީދާ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި މައުލޫމަތަކާއި ގުޅިގެން އެމަނިކުފާނުގެ އެދުމުގެ މަތީން ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވެފައިވަނީ މައްސަލައިގެ ތަހުގީގަށް 10 ވަރަކަށް ޖަލު އޮފިސަރުންނާއި ސުވާލުކުރި ކަމަށާއި ނަމަވެސް މައްސަލަ ކުރިއަށް ގެންދިއުމަށް ބާރު ލިބިދޭ ހެއްކެއް ނުލިބުނު ކަމަށެވެ. އަދި ކޮންމެ ތުހުމަތަކީ ސާބިތުވާނެ ކަމެއް ނޫން ކަމަށް އުމަރު "ރާއްޖެ އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ.

" ކޮންމެ ތުހުމަތަކީ ސާބިތުވާ އެއްޗެއް ނޫން. ތުހުމަތު ކުރެވޭނެ ބައިވަރު ކަންކަމުގައި. އެކަމަކު އެއީ ތަހުގީގެއްގައި ހާމަކުރާ އެއްޗެއް ނޫން. ދެން ރައީސް އެ ނިންމެވީތާ ހާމަކުރަން. އެ މައްސަލައިގައި ބާރުވެރިކަމެއް އެކުލެވިގެން ނުވޭ. އެބުނާ ގާޑުގެ ވާހަކައަކީ ވެސް އެހާ ބާރުވެރި ވާހަކައެއް ނޫން. ރައީސުލްޖުމްހޫރިއްޔާ އަށް މިހާރު އެނގޭނީ އެ މައްސަލައިގައި މިހާރު ކަންކަން ކުރައްވަމުންދާ ގޮތް. އަޅުގަނޑު މިދެންނެވީ ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިރު ކަންކަން ކުރައްވަމުންދާ ގޮތް،"

ނަމަވެސް ރައީސް ޔާމީން ވަނީ މިމައްސަލައާ ގުޅިގެން ޖަލުގެ ސެކިއުރިޓީ ގާޑަކު ބަޔާން ދީފައިވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ އޭރު ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ހުމާމާ ބައްދަލުކުރީ ގަވާއިދާއި ޚިލާފަށް އޭނާ ޖަލުން ނެރުމަށްފަހު ރިސޯޓެއްގައި ކަމަށެވެ.

މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ޔާމީން ވިދާޅުވާ ސަރުކާރުގެ އިސް ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ނަމަވެސް ހުމާމްގެ އާއިލާއިން ވަނީ 33 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސާއި ހުމާމް ބައްދަލުކޮށްފައިނުވާނެ ކަމަށް ބުނެފައެވެ.

ޑރ. އަފްރާޝީމް އަލީ މަރާލިކަމުގެ ކުށް ހުމާމްގެ މައްޗަށް ސާބިތުވެ މަރަށް މަރު ހިފުމަށް ކޯޓުން ހުކުމްކޮށްފައިވާއިރު ރައީސް ޔާމީން ވަނީ އަންނަ މަހުގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.