Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އަނަސް މަރާލި މައްސަލަ މަޖިލީހުގެ ތިން ކޮމެޓީއަކަށް

އަނިޔާވެރިގޮތަކަށް މަރާލި ޒުވާން ކެޕްޓަން އަނަސް-

އަނިޔާވެރި ގޮތަކަށް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ މަރާލި ރ. މީދޫ، ފެންފިޔާޒުގެ، އަނަސް މުހައްމަދުގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތިން ކޮމެޓީއަކަށް ހުށަހަޅައިފި އެވެ.

އަނަސްގެ މަރުގެ މައްސަލަ ހުށަހަޅާފައިވަނީ މަޖްލިސްގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ އިތުރުން ގައުމީ ސަލާމަތުގެ ކޮމިޓީ އަށެވެ. މިމައްސަލަ ކޮމެޓީއަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުންނެވެ.

އަނަސް މަރާލި މައްސަލާގައި ހިމެނޭ ބަޔަކު ރޭ ފުލުހުން ހައްޔަރުކޮށްފައިވާ އިރު އޭނާ މަރާލީ އޭނާ ލައިގެން ހުރި ޓީޝާޓްގެ ކުލައިގެ ސަބަބުންކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ.

އަނަސް މަރާލާފައިވަނީ އޭނާގެ ހަށިގަނޑުގެ 37 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީގެންނެވެ. އަނަސްގެ މަރުގެ މައްސަލައަށް އިންސާފު ހޯދުމަށް އެރަށުގެ ކުދި ބޮޑު އެންމެން ވަނީ ހިނގާލުމެއް ބާއްވާފައެވެ.