Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

ޔުނައިޓެޑު މެޗުގައި ރޮނާލްޑޯ ފެންނާނެ

ޔުއެފާ ސުޕަ ކަޕްގައި މާދަމާރޭ ރެއަލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރާ މެޗުގެ ސްކޮޑުގައި ރެއަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ.

ރެއަލްގެ ޕްރީ ސީޒަނުގައި ރޮނާލްޑޯ ބައިވެރިވެފައިނުވާއިރު އޭނާ ވަނީ ސީޒަން ނިމުމަށްފަހު ކޮންފެޑެރޭޝަންސް ކަޕުގައި ޕޯޗުގަލްއަށް ކުޅެފައެވެ. ނަމަވެސް ރޮނާލްޑޯގެ ދެކުދިންނާއި ބައްދަލުކުރުމަށް އޭނާ ވަނީ ގައުމީ ޓީމުން ޗުއްޓީ ނަގާފައެވެ.

ޓެކްސްއަށް މަކަރު ހެދިކަމަށްބުނެ ރޮނާލްޑޯގެ މައްޗަށް ކުރާ ދައުވާގެ ސަބަބުން މެޗުގައި ނުކުޅޭނެ ކަމަށް ކުރިން ވާހަކަ ދެކެވުނު ނަމަވެސް ރެއަލް އިން މެޗަށް އިއުލާންކުރި 24 ކުޅުންތެރިންގެ ސްކޮޑުގައި ރޮނާލްްޑޯ ވަނީ ހިމަނާފައެވެ.

ބޭލްއާއި ބެންޒީމާއާއެކު ރޮނާލްޑޯވެސް އޭނާގެ ކުރީގެ ޓީމާއި ދެކޮޅަށް ނިކުންނާނެ ކަމަށް ބެލެވެއެވެ. މިދެޓީމު ޕްރީ ސީޒަނުގައި ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑު ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

ސުޕަ ކަޕް މެޗު ފެށޭނީ މާދަމާރޭ ރާއްޖެ ގަޑިން 11:45 ގައެވެ.