ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރު ވައްޓާލުމަށް ގޮވާލިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ފުލުހަށް ހާޒިރުވުމަށް ފޮނުވި ޗިޓް ކެންސަލްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
މިއަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވަނީ މާދަމާ ރޭ 20:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގި އެންފުން ކެންސަލްކޮށްފި ކަމަށް އަންގާފައިވާ ކަމަށެވެ.
މުސްތަފާ ފުލުހަށް ހާޒިރުކުރުމަށް ފޮނުވި ޗިޓްގައި އޮތީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކޮށް، ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭގޮތަށް ވާހަކަދެއްކެވި ކަމަށް ތުހުމަތުކުރާ ކަމަށެވެ.
މީގެ އިތުރުން މުސްތަފާ ހާޒިރު ކުރަނީ އެ މައްސަލައިގައި ސުވާލުކޮށް ބަޔާން ނެގުމަށާއި ކޯޓް އަމުރެއްގެ ދަށުން ސާމްޕަލް ނެގުމަށް ކަމަށްވެސް އެ ޗިޓްގައި އޮތެވެ.