Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

1،500 ޓެކްނީޝަނުން ތަމްރީން ކުރަނީ

ފޮޓޯ؛ ސަން

އެޑިއުކޭޝަން މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާއި ގުޅިގެން 1500 ޓެކްނީޝަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް ފެށުމަށް ފެނަކަ ކޯޕަރޭޝަނާއި އެޑިއުކޭޝަން މިނިސްޓްރީއާއި މެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ސްޓެލްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރަމުން އަންނަ ތަމްރީން ލިބިފައިނުވާ 1200 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީން ކުރެވިގެންދާނެ އެވެ.

އެ ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން ޑރ. އާއިޝަތު ޝިހާމް ވިދާޅުވި ގޮތުގައި މިހާތަނަށް 8500 އަށްވުރެ ގިނަ ޒުވާނުން ސަރުކާރުން ވަނީ ތަމްރީން ކޮށްފައި ކަމަށެވެ. މީގެ އިތުރުން މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އިލެކްޓްރިޝަނުން ތަމްރީން ކުރުމުގެ ކޯސްތައް ހިންގާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފާއި ހަވާލާދީ ވަގުތު ނޫހުން ރިޕޯޓް ކުރާ ގޮތުގައި މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ ތަމްރީންތައް ނިމޭއިރު، ފެނަކައިގެ ގިނަ މުވައްޒަފުންނަކީ އޭ ލައިސަންސްގެ ޓެކްނީޝަނުންނަށް ވެގެންދާނެ އެވެ.