ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލާގައި ޓެރަރިޒަމް ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ ޝަރީއަތުގެ އަޑު އެހުމެއް ދަމާ މެންދުރު 1:45 ގައި ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލްކޮށްފި އެވެ.
އިބްރާހިމްދީގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވާ އިރު މިހާރުވެސް ފުލުހުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ދޭތެރެ ދޭތެރެއިން އިބްރާހިމް ދީ ފުލުސް އޮފީހަށް ހާޒިރުކޮށް ދަނީ ބަޔާން ނަގަމުންނެެވެ.
އިބްރާހިމް ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާ އުފުލާފައިވާ އިރު އަބްދުﷲ ގާޒީ ހައްޔަރު ކުރި އިރު އިބްރާހިމް ދީދީ އަކީ މާލޭ އޭރިއާ ކޮމާންޑަރެވެ.
އިބްރާހިމް ދީދީގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ 10-15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ނުވަތަ އަރުވާލުމުގެ ހުކުމެއް ކުރެވޭނެއެވެ. އެފަދަ ހުކުމެއް އަތުވެއްޖެނަމަ އިބްރާހިމް ދީދީގެ މަޖްލިސް ގޮޑި ގެއްލޭނެއެވެ.
އިބްރާހިމް ދީދީގެ މައްސަލަ އަލުން ކޯޓަށް ފޮނުވާފައި މިވަނީ މި މައްސަލަ ޕީޖީން ކުރިއަށް ނުގެންދަން ނިންމާ އެކަން އިބްރާހިމް ދީދީއަށް އަންގާފައިވަނިކޮށެވެ.
ދައުވާ އުފުލާނެކަން ޕީޖީން އެންގުމާއި ގުޅިގެން އިބްރާހިމް ދީދީ ވިދާޅުވީ ދަންޖެއްސިއަސް އޭނާ ހޮވައިދިން ރައްޔިތުންނަށް ހަރާމް ކޯރު ނުވާނެކަމަށެވެ.