އިދިކޮޅު ފަރާތްތަކުން އަންނަ ހުކުރު ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ ބޮޑު ހަރަކާތާ ގުޅޭ ގޮތުން އައްޑޫ ކައުންސިލާ ފުލުހުން ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކައުންސިލާ ފުލުހުން މަޝްވަރާކޮށްފައި ވަނީ މި ހަރަކާތް ވީހާ ވެސް އަމާން އޮމާން ކޮށް ކުރިއަށް ގެންދެވޭނެ ގޮތާ ގުޅޭ ގޮތުންނެވެ.
މި ބައްދަލުވުމުގައި ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަލީ ޝަރީފް އާއި އައްޑޫ ކޮމާންޑަރު އިންސްޕެކްޓަރު އޮފް ޕޮލިސް ޖަމްޝީދު އަލީ ބައިވެރިވަޑައިގެންނެވި އެވެ.
ހުކުރު ދުވަހު މުޅި ރާއްޖެ ހިމެނޭ ގޮތަށް ބޮޑު ހަރަކާތެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ އިދިކޮޅު ފަރާތްތައް ގުޅިގެން މިފަހުން އިންތިޒާމް ކުރާ އެންމެ ބޮޑު ހަރަކާތްކަމަށް މައުލޫމާތު ލިބެ އެވެ.