ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ތަފާތު ތުހުމަތުކުރެވި ހައްޔަރު ކުރަމުންދާތީ އާއި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނަގައި، ގާނޫނާއި ޙިލާފަށް މަޖިލީހުގައި ކަންކުރެވެމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޕާލެމެންޓޭރިއަން ފޯ ގްލޯބަލް އެކްޝަން(ޕީޖީއޭ) އިން ބަޔާނެއް ނެރެފި އެވެ.
ދުނިޔޭގެ 142 ގައުމެއްގެ ގާނޫނު ހަދަ މަޖިލީހުގެ މެމްބަރުން ތަމްސީލު ކުރާ ބައިނަލް އަގުވާމީ ޖަމިއްޔާއިން ރާއްޖޭގެ ސިޔާސީ މަސްރަހާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށް ބަންދުކުރުން ޕީޖީއޭއިން ވަނީ ކުށްވެރިކޮށްފައެވެ.
ދިވެހި ރާއްޖޭގައި ޑިމޮކްރަސީއެއް ގާއިމުކުރެވިފައިވާއިރު އިދިކޮޅު ހުރިހާ ލީޑަރުން ހައްޔަރުކޮށް ނުވަތަ ގައުމުން "ފައްސާލުން" ޕީޖީއޭއިން ދެކެނީ މައި ސަރުކާރުން ހަރުދަނާ އިދިކޮޅު ޕާޓީއެއް އޮތުމަށް ޖާގަ ނުދިނުމެވެ.
އަދި ރައީސް ޔާމީން ދާދިފަހުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވުމަކީ ރާއްޖޭގެ ހަލަބޮލި ވެފައިވާ ސިޔާސީ މަސްރަހަށް ދެމުންދާ ސަމާލުކަން އަނބުރާލުމަށް ކަމަށްވެސް ޕީޖީއޭއިން ވަނީ ތުހުމަތުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް 45 މެމްބަރަކު ސޮއި ކުރައްވާ މަޖިލީހަށް ހުށައަޅާފައިވިނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު އަދިވެސް ނަގާފައިނުވާތީ އެކަމާމެދުވެސް ޕީޖީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި އެއްގޮތަށް އަމަލު ކުރުވުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރުމަށް ބައިނަލް އަގުވާމީ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.