ގާނޫނު އަސާސީން ރައްޔިތުން ހޯދި މިނިވަން މުވައްސަސާތަކުގެ ތެރެއިން ޕްރޮސެކިއުޓަރ ޖެނެރަލް މަސައްކަތް ކުރައްވަނީ މިނިވަންކަމާއި އެކު ނޫން ކަމަށާއި ޕްރޮސެކިއުޓަރ ޖެނެރަލް އަތުގައި އޮތީ އެންމެ ގާނޫނެއްކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލީޝަން ގުޅިގެން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކފުޅު ދައްކަވަމުން ސުއޫދު ވިދާޅުވީ ޕީޖީ އަތުގައި އޮތީ އެންމެ ގާނޫނެއް ކަމަށާއި އެއީ ޓެރަރިޒަމް ގާނޫނުކަމަށެވެ. ސުއޫދު ވިދާޅުވީ ޕީޖީ މަސައްކަތް ކުރައްވަން ޖެހެނީ މިނިވަންކަމާއި މުސްތަގިއްލުކަމާ އެކުގައި ކަމަށް ގާނޫނުއަސާސީގައި އޮންނަ ކަމަށެވެ.
"ހަމަ ކޮންމެ މީހަކަށް ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ކުރަމުން މިދަނީ. ކީއްވެގެންތޯ ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގައި ބަންޑާރަ ނައިބު އިނދެގެން އޭނަ އަމިއްލަ އަށް ސިޔާސީ ފަރާތްތަކުގެ މައްޗަށް ދައުވާ ޑްރާފްޓް ކުރަންވީ،"
ރާއްޖޭގެ ފެހި ގާނޫނު އަސާސީއަށް 9 އަހަރު ފުރޭއިރު މިއަދު މި ފެންނަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ބަންޑާރަ ނައިބް ހުންނަވައިގެން ދައުވާ ކުރުވާތަން ކަމަށެވެ.
އަދި ޕީޖީ ރައީސްގެ ސެކެޓްރީ ގޮތަށް ރައީސް އޮފީހަށް ވަޑައިގެން ރައީސުލް ޖުމްހުރިއްޔާ އާއި ބައްދަލުކުރައްވައި މަޝްވަރާ ހޯއްދަވަނީ ކޮން އުސޫލަކުންތޯ ސުއޫދު ވަނީ ސުވާލު އުފައްދާފައެވެ.
ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭނެ މިނިވަން މުއައްސަސާތަކެއް އުފެއްދީ ދިވެހިރާއްޖޭގައި ޑިކްޓޭޓާޝިޕަކަށް ޖާގަ ނުދީ ފާރަވެރިވާނެ ބަޔަކު ކަނޑައެޅުމަށްކަމަށާއި ނަމަވެސް މިއަދު މިނިވަން މުވައްސަސާތައް ހިގަނީ މެދެންނެވެި އުސޫލުން ބޭރުން މުއައްްސަސާތަކުގެ މެމްބަރުންގެ އަމިއްލަ ވަޒީފާ އާއި އިނާޔަތްތަކާއި ކުރިއެރިއެރުމާއި ތަނަވަސްކަން ހޯދުމަށް ކަމަށެވެ.