އައްޑޫގައި ބާއްވާ އެންމެ ބޮޑު ދުވުން "އައްޑޫ މެރަތަން" މިމަހުގެ 25 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނައިރު މިއީ އައްޑޫގެ ރައްޔިތުންގެ ތެރެއިން ހުރިހާ އުމުރެއްގެ ހުރިހާ ދުވުންތެރިންނަށް ބައިވެރިވެވޭނެ ދުވުމެކެވެ.
ދުވުން އިންތިޒާމް ކުރާ "އައިރަނާސް"ގެ ފައުންޑަރ ހުސެއިން ޝުޖާއު ބުނީ މި ދުވުން ފަރުމާ ކުރީ ހުރިހާ އުމުރެއްގެ ހުރިހާ ފެންވަރެއްގެ ދުވުންތެރިންނަށް ފުރުސަތު ދިނުމަށްކަމަށެވެ.

ހިތަދޫއަށް އުފަން ހުސެއިން ޝުޖާއު މީގެ 8 މަސް ކުރިން ހިތަދޫގައި ދުވަން ދަސްކޮށްދޭން ފެށިއިރު ދުވަން ދަނީ މަދުބައެކެވެ. ނަމަވެސް މިވީ ކުރު މުއްދަތުގެ ތެރޭގައި "އައި ރަނާސް"އާއި ގުޅިގެން އައްޑޫގައި 40 މީހަކު ދަނީ ޓްރެއިނިން ފުރިހަމަ ކުރަމުންނެވެ. އަދި މިހާރު އެ އަދަދުވަނީ 80 އަށް އިތުރުވެފައެވެ.
އައްޑޫގައި ދުވުން ހަރުދަނާ ގޮތެއްގައި ކޯޗެއްގެ އިރުޝާދު ނެތި ދަނިކޮށް ޝުޖާ ނެގި އިސްނެގުމާއި އެކު "އައިރަނާސް"އަކީ ގިނަބަޔަކަށް މަގްބޫލް މަސައްކަތަކަށް ވަނީ ވެފައެވެ. އައްޑޫގައި ދުވުމުގެ ފަރިތަކުރުންތައް ބާއްވަން ފެށީވެސް ދުރު މުސްތަގްބަލެއްގެ ތަސައްވުރަކާއި އެކު އައްޑޫގެ ނަން ތާރީހުގައި ލިޔުމުގައި އަޒުމާއިއެކުއެވެ.

އެއީ "އައްޑޫ މެރަތަން" ތައާރަފްކޮށް މި ދުވުން ރާއްޖެއާއި ބައިނަލްއަގްވާމީ ދުނިޔެއަށް ގެނެސް ދިނުމަށްކަމަށް ޝުޖާ ބުންޏެވެ.
ޝުޖާ ބުނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ބާއްވާ ދުވުމުގެ ރަޖިސްޓްރޭޝަން މިހާރުވެސް ހުޅުވާލާފައިވާ އިރު ގިނަ ބަޔަކު ބައިވެރިވަުން އަންނަ ކަމަށެވެ.
މެރަތަން، ހާފް މެރަތަން، 10 ކިލޯމީޓަރ އަދި 5 ކިލޯ މީޓަރގެ އިތުރުން ކުޑަކުދިންނަށް ހާއްސަ 2 ކިލޯ މީޓަރ ދުވުން ވަނީ "އައްޑޫ މެރަތަން"ގައި ހިމަނާފައެވެ.

މެރަތަންގެ ކަންކަން އިންތިޒާމް ކުރަމުން އަންނައިރު ދާދިފަހުން ވަނީ އެތްލެޓިކްސް އެސޯސިއޭޝަންގެ އެހީ ހޯދައިގެން ދުވާ ރޫޓް ފައިނަލްކޮށްފައެވެ.
މުބާރާތަށް ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މިދުވުމަކީ އައްޑޫގެ އެންމެ ގިނަ ބަޔަކު ބައިވެރިވެ ދުވާނެ އެއް ރޭހެވެ. އައިރަނާސްއިން ބުނީ ދުވަން ނިކުންނަން ބޭނުންވާ ފަރާތްތަކަށާއި ދުވުމުގެ ޝައުގުވެރިކަން ހުރި ހުރިހާ ފަރާތަކަށް ބަރާބަރަށް އެހީތެރިވެދޭނެކަމަށާއި މިއީ ޓެނިހަށް އަރައިގެން ދުވަން ނިކުންނަންވީ ވަގުތު ކަމަށެވެ.
"އަވަ ދިވަން، ޔޫ ދިވައި"މިއީ މިއަދު އައިރަނާސްގެ ގިނަ ދުވުން ތެރިން އެންމެންނާއި ކޮށްލާ ސުވާލެވެ.