Last Updated: April 23, 13:19
Tuesday, April 23, 2024
ރިޕޯޓް

ރިޟުވާން ވަގަށް ނެގިތާ ތިން އަހަރު ފުރުނީއެވެ. އިންސާފު ކޮބައިހެއްޔެވެ؟

މިނިވަން ނޫހުގެ ރިޟުވާން އަބްދުﷲ ގެއްލުނުތާ މިއަދަކީ ތިން އަހަރު ފުރުނު ދުވަހެވެ. މި ލިޔެވުނީ ރަނގަޅަކަށް ނޫނެވެ. ރިޟުވާން ވަގަށް ނަގައިގެން ހެދިއެއްޗެއް ހެދިތާ ތިން އަހަރު ފުރުނީއެވެ. ސީސީޓީވީ ފުޓޭޖުންނާއި ފުލުހުންގެ ތަހުގީގުންވެސް ޔަގީންވެފައިވަނީ ރިޟުވާން ވަގަށް ނެގީ ކަމެވެ. ވަގަށް ނެގުމުގެ އަމަލީ ބައި ހިންގި މީހުންގެ ވަނަވަރުވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ރިޟުވާނަށް ހެދިގޮތެއް އެއްވެސް ބަޔަކު ހާމައެއް ނުކުރެއެވެ. ރިޟުވާން ވަގަށް ނަގަން ޖެހުނު ސަބަބާއި މިކަމުގެ އަޑީގައި ތިބި އިތުރު މީހުންނަކީ ކޮބައިކަންވެސް ނޭނގެއެވެ.

ރިޟުވާނަކީ ވަރަށް ޒުވާން ގާބިލު ނޫސްވެރިޔެކެވެ. ރަސްމީ އިދާރާތަކުގެ ވެރީން ހިންގާ ޚިޔާނާތާއި ފަސާދައިގެ އަމަލުތަައް ފެންމަތިކޮށް އާއްމުންމާއި ހަމަޔަށް ގެނެސްދިނުމަށް ހިތްވަރާއި ކެެރުމާއެކު މަސައްކަތް ކުރަމުންދިޔަ ނޫސްވެރިއެކެވެ. ބިރުވެރިކަން އުފެދޭ ހިސާބަކީ މިއީއެވެ. ރިޟުވާނުގެ ގާތްތިމާގެ މީހުންނާއި އެކުވެރިންވެސް ގަބޫލުކުރާ ގޮތުގައި އޭނާ ވަގަށް ނެގުމުގެ ފަހަތުގައި އޮތީ އޭނާ ކުރާ މަސައްކަތެވެ. ރިޟުވާނުގެ މަސައްކަތުުގެ ސަބަބުން ބާރުގަދަ ކޮންމެވެސް މީހެއް ނުވަތަ ބައެއްގެ ފޮށާ ބޭލެން ކައިރިވީއެވެ. އެހެންވީމާ ރިޟުވާނުގެ ދުވަސް ދުއްވައިލީއެވެ.

ރިޟުވާން ވަގަށް ނެގުމުގެ ކުރީން މާލޭގައި އޭނާޔަށް ފާރަލާފައިވެއެވެ. އެކަމުގައި އެކަކަށްވުރެ ގިނަ މީހުން ޝާމިލްވިއެވެ. އޭނާ ވަގަށް ނަގާފައިވަނީ ހުޅުމާލެއަށް ފޭބިފަހުންނެވެ. އެރަށުގައި ގަދަކަމުން އޭނާ ހައްޔަރުކުރީމާ ސަލާމަތަށް އެދި އާދޭސްކުރި އަޑު ކޮންމެވެސް ބަޔަކަށް އިވުނެވެ. ކޮންމެވެސް ކާރެއްވެސް ފެނުނެވެ. އެކާރުގެ ޑިކީތެރެއިން ރިޟުވާނުގެ ޑީއެންއޭވެސް ވަނީ ފެނިފައެވެ. މިކަންކަމަށް ރިއާޔަތްކުރާއިރު ރިޟުވާން ވަގަށް ނެގުމުގެ ފަހަތުގައި ތިބީ އާދައިގެ ބައެއް ނޫންކަން ކަށަވަރުވެއެވެ. އެހެންކަމަށް ވަނީވިއްޔާ އޭނާ ވަގަށް ނެގުމުގެ ސަބަބުވެސް އާދައިގެ ސަބަބަކަށް ނުވާނެއެވެ. އެސަބަބު ގުޅޭނީ ރިޟުވާނުގެ ވަޒީފާޔާއެވެ. އޭނާ ކުރާ މަސައްކަތާއެވެ. ރާއްޖޭގެ ނޫސްވެރިންވެސް ގަބޫލުކުރަނީ މިގޮތަށެވެ.

ރިޟުވާން ވަގަށް ނެގުމުގެ ހާދިސާޔާ ގުޅިގެން ހިތާމަކުރަނީ އޭނާގެ ގާތްތިމާގެ މީހުންނާއި އެކުވެރިން އެކަންޏެއް ނޫނެވެ. މިއީ ރާއްޖޭގެ އެންމެހައި ނޫސްވެރީންގެ ވެސް ހިތާމައެކެވެ. ގެއްލިފައިވަނީ ނޫސްވެރިންގެ އާއިލާގެ މެންބަރެކެވެ. އެހެންވީމާ ރިޟްވާނަށް ވީގޮތެއް ދެނެގަނެ ހަގީގަތް ހާމަވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މީހުންގެ ތެރޭގައި ނޫސްވެރީންވެސް ހިމެނެއެވެ. ރިޟުވާނަށާއި އާއިލާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމުގެ އެއްވުންތަކާއި ހިނގާލުންތަކުގައި ނޫސްވެރީންވެސް ދަނީ ބައިވެރިވަމުންނެވެ.

ކޮންމެ ނޫސްވެރިޔަކުވެސް މިއަދު ގަބޫލުކުރާ ގޮތުގައި ރިޟްވާނަށްވީ ގޮތް ހަމަ އެނޫސްވެރިޔާއަށްވެސް ވެދާނެއެވެ. ނޫސްވެރިކަން މިއޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނޫސްވެރިން އެމީހުންގެ ޒިންމާ އަދާކުރަމުންދަނީ ފުރާނަ އަތްމައްޗަށް ލައިގެން ތިބެއެވެ. ރިޟުވާނަށް އިންސާފު ހޯދައިދޭން ގޮވައިލުމުގެ އެއްވުންތަކުގައި ރިޟްވާނަށްފަހު ދެން ގެއްލުވައިލާނީ ކާކުހޭ އެމީހަކީ މަހޭ ސުވާލުކޮށް ލިޔުންތައް ލިޔެފައިވާ ޓީޝާޓު ލައިގެން ތިބެނީ އެހެންވެއެވެ. މިގޮތަށް ޓީޝާޓު ލައިގެން ހުރެ ސުވާލުކުރި އެހެން ނޫސްވެެރިޔަކު އިހަށްދުވަހު ވަނީ މަރާލާފައެވެ. ދުރާލާ ރާވައިގެން ތައްޔާރުވެގެން ތިބެ ހިންގާފައިވާ ނުރައްކާތެރި ޖަރީމާއެކެވެ.

އެންމެފަހުން މަރައިލި ނޫސްވެރިޔަކީ ޔާމީން ރަޝީދެވެ. ގާތިލުން ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން މިހާރުވަނީ ހައްޔަރުކުރެވިފައެވެ. އެހެންނަމަވެސް ޖަވާބު ނުލިބޭ ސުވާލުތަކެއް އެބަހުއްޓެވެ. ޔާމީން ރަޝީދު މަރައިލީ ކީއްވެގެން ބާވައެވެ. އޭނާއަކީ ނޫސްވެރިޔަކަށް ވާތީ ހެއްޔެވެ. މިކަމަށް ޚަރަދުކޮށް މިކަން ނިންމައިލުމަށް ބޭނުންވީ ކާކުބާވައެވެ. މި ސުވާލުތަކުގެ ޖަވާބު ނުލިބުނަސް އެއްކަމެއް ޔަގީންވެއެވެ. ޔާމީން ރަޝީދަކީ ގެއްލިފައިވާ ނޫސްވެރިޔާ ރިޟްވާނުގެ ވަރަށް ގާތް އެކުވެރިއެކެވެ. ނޫސްވެެރިއެކެވެ. ރިޟްވާނާއި އޭނާގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ކެނޑިނޭޅި އަޑުއުފުލައި މަސައްކަތް ކުރަމުންދިޔަ ޒުވާނެކެވެ.

ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން އާއި މަރާލެވިފައިވާ ޔާމީން ރަޝީދު

ރިޟްވާނަށް އިންސާފު ހޯދައިދިނުމަށް ހަރުއަޑުން ވަކާލާތުކުރާ ކޮންމެ ނޫސްވެރިއެއްގެ ނިމުމަކީ ރިޟުވާނުގެވެސް ނިމުން ކަމަށްވާނަމަ އަދި ޔާމީން ރަޝީދުގެ ވެސް ނިމުން ކަމަށްވާނަމަ މިގައުމު ކިތަންމެހާވެސް ބިރުވެރިއެވެ. އެކަމަކު ދިވެހި ނޫސްވެރިން އެހާ ފިނޑިއެއް ނޫނެވެ. ފަހަރަކު މީހަކު ފަހަރަކު މީހަކު މަރައިލިޔަސް ނިޒާމުން ގެއްލުވައިލިޔަސް އިންސާފަށްޓަކައި މިކުރާ މަސައްކަތަށް ނިމުމެއް ނާންނާނެއެވެ. ރިޟުވާނަށް ވީގޮތެއް އެނގެންދެން އަދި ރިޟުވާނުގެ ހާދިސާގެ ފަހަތުގައި ތިބި ހަގީގީ މުޖުރިމުން ފާޅުވެ އިންސާފު ގާއިމު ކުރެވެންދެން މިއަޑު އުފުލުންމަތީގައި ނޫސްވެރިން ދެމިތިބޭނެއެވެ. ތިންއަހަރު ކީއްކުރަންހެއްޔެވެ. ތިރީސް އަހަރުވިޔަސް ނޫސްވެރީންގެ އަޒުމަކީ މިއީއެވެ.