ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް މިދިޔަ މާޗު މަހު ޕީޕީއެމްއިން ވަކިކޮށް އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާކަމަށް ދައުލަތުން ކޯޓުގައި އިއުތިރާފުވެއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ ވައްޑެ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް އީސީއިން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް ސުޕްރީމްކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވިދާޅުވެފައިވަނީ މާޗު މަހު ވައްޑެ ވަކިކުރި ނަމަވެސް އެސިޓީގައި ވައްޑެ ޕީޕީއެމްގެ ދަފްތަރުން އުނިކުރުމަށް އެދިފައިނުވެއެވެ.
އެހެންކަމުން އޭނާގެ ސުލޫކީ މައްސަލައެއް ޖުލައި މަހުގެ 18 ވަނަ ދުވަހު ބެލުމަށްފަހު ޕީޕީއެމްގެ ދަފްތަރުން އުނިކޮށްދިނުމަށް ޕީޕީއެމްއިން އެދުމުން އިލެކްޝަންސް ކޮމިޝަނުން ވައްޑެ ދަފްތަރުން އުނިކޮށްފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.
އަދި އެއީ ސުޕްރީމް ކޯޓުން ހުކުމް ކުރި ފަހުން ކަމަށްވާތީ ވައްޑެ އަކީ މަޖިލީހުގެ މެމްބަރެއް ނޫންކަމަށް ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ދައުލަތުގެ ވަކީލުން ވަނީ ކޯޓުގައި ބުނެފައެވެ.
ނަމަވެސް ވައްޑެގެ ވަކީލުން ބުނެފައިވަނީ މާޗު މަހު ވަކިކޮށް، ސިޓީ ފޮނުވާފައިވާ މެމްބަރަކު އަނެއްކާ ޕާޓީއާއި ގުޅިފައިނުވާއިރު ޖުލައި މަހު ޕާޓީ މެމްބަރެއް ކަމަށް ހަދާ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށްފަހު ޕާޓީން ވަކިކުރާނީ ކޮން އުސޫލަކުންތޯ ސުވާލުކޮށްފައެވެ.