Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

ޓްރާންސްޕޭރެންސީގެ މެމްބަރަކު ހައްޔަރުކުރުން ކުށްވެރިކޮށްފި

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ ހަނދާނުގައި މިއަދު ބޭއްވި ސުލްހަވެރި މުޒާހަރާގެ ތެރެއިން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މެމްބަރަކުގެ މޫނަށް ޕެޕާ ސްޕްރެއި ޖަހާ ހައްޔަރުކުރުން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ކުށްވެރިކޮށްފިއެވެ.

ކޮރަޕްޝަނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއިން ވަނީ ސުލްހަވެރި މުޒާހަރާއެއްގެ ތެރެއަށް ފުލުހުން ވަދެ، ބާރުގެ ބޭނުންކޮށް ބައިވެރިން ހައްޔަރުކުރުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ފުލުހުން ހައްޔަރުކުރި ހުރިހާ އެންމެން ވަގުތުން ދޫކުރުމަށް ދިވެހި ފުލުހުންނަށް ގޮވާލާފައެވެ. މިއަދުގެ ސުލްހަވެރި އެއްވުމުގައި ބައިވެރިވި 7 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނެއެވެ.

ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި ދުވަހަށް ތިން އަހަރު މިއަދު ފުރިފައިވާއިރު އަދިވެސް ރިޟްވާންގެ މައްސަލައާ ގުޅިގެން ކުރިއެރުމެއް ހޯދިފައެއްނުވެއެވެ.