ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންވެސް ޕީޕީއެމުން ވަކިކޮށްފައި ވަނީ ސުޕްރީމް ކޯޓުން ޕާޓީ ބަދަލުކޮށްފި މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ހުކުމް ކުރި ފަހުން ކަމަށް ދައުލަތުގެ ވަކީލުން ޝަރީއަތުގެ އަޑު އެހުމުގައި ބުނެފި އެވެ.
މިއަދު ސުޕްރީމް ކޯޓުގައި ތާވަލު ކުރި ސައުދުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކުރުމަށް ހުށައެޅި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ ވަކީލުން ވިދާޅުވެފައިވަނީ ސައުދުގެ މައްސަލަ ބަލައި، ޕާޓީން ވަކިކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހުގައި ކަމަށެވެ.
އެހެންކަމުން ސައުދުގެ މައްސަލާގައި އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ދައުލަތުން ބުނެފައިވިނަމަވެސް ސައުދުގެ ވަކީލުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނުނިންމޭނެ ކަމަށާއި އެނިންމުން ނިންމޭނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް ގޮތުން ސުޕްރީމް ކޯޓަށް އެކަނި ކަމަށެވެ.
ސައުދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައިވެސް ދައުލަތުގެ ވަކީލުން ބުނެފައިވަނީ ވައްޑެވެސް ޕާޓީން ވަކިކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހުގައި ކަމަށެވެ.