ރައީސް ޔާމީނަށް އޭޝިއާ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް (އެޗްއާރްޑީ) އެވޯޑްސް 2017ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންފިކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ މި އެވޯޑާއި ހަވާލުވެވަޑައިގަތީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފަހުމީ ހަސަންކަމަށެވެ.
މިއެވޯޑާއި ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ މިއެވޯޑް ރައީސް ޔާމީނަށް އަރުވާފައިވަނީ ރާއްޖޭގެ ތަރައްގީއާއި ރައްޔިތުންގެ ތަރައްގީ އަދި އެޗްއާރުޑީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ކެނޑިނޭޅި ދެއްވާ ހިތްވަރާއި އެއްބާރުލެއްވުމުން ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.
އަދި އެ ފަދަ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް ލިބިވަޑައިގަންނަވަނީ ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވާ ފަދަ މުހިއްމު ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް ޔާމީން ވަނީ މި އެވޯޑް ޤަބޫލުކުރައްވައި ވީޑިއޯ ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި އެމަނިކުފާނު ވަނީ މިފަދަ އެވޯޑެއް ލިބިވަޑައިގަތުމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ އެވޯޑެއް އެމަނިކުފާނަށް ލިބިވަޑައިގަތުމުން ރައްޖެފަދަ ކުޑަ ޤައުމަކުން ކުރާ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ބަލައިގަންނަކަން ފާހަގަވެގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.
މި ބަޔާނުގައި އެމަނިކުފާނުވަނީ މިއީ ހަމައެކަނި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވޯޑެއް ނޫންކަމާއި، މިއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު އެވޯޑެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.