މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޗެމްޕިއަން އަދި ޔޫރޮޕާ ލީގު ޗެމްޕިއަންއާ ދެމެދު ކުޅޭ ޔުއެފާ ސުޕަ ކަޕް މެން ޔުނައިޓެޑް ބަލިކޮށް ރެއަލް މެޑްރިޑުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
މެޗު ރެއާލް އިން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރެއަލްއިންނެވެ.
ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ ކަސެމީރޯއެވެ. އޭނާގެ ގޯލުގެ ކުރިންވެސް ކަސެމީރޯވަނީ އޭރިޔާ ތެރެއިން ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ދަގަނޑާއި އަމާޒުކޮށް ޔުނައިޓެޑު ގޯލަށް ނުރައްކާ ކޮށްފައެވެ.
ފުރަތަމަ ހާފު ރެއަލް ކުރީގައި އޮވެ ނިމިފައިވާއިރު ދެވަނަ ހާފުގެ ކުރީކޮޅު ރެއަލްއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. 52 ވަނަ މިނެޓުގައި ލަނޑު ޖަހައި ޔުނައިޓެޑަށް ޕްރެޝަރު ބޮޑުކޮށްފައިވަނީ އިސްކޯއެވެ.
ނަމަވެސް 10 މިނެޓު ފަހުން ޔުނައިޓެޑުގެ ރޮމެލޫ ލުކާކޫ ވަނީ ލަނޑެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. މެޗުގައި ޔުނައިޓެޑު ޓީމުން ނަތީޖާ އެއްވަރު ކުރުމަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ރޭގެ މެޗުގައި ދެޓީމަށްވެސް އިތުރު ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ނަމަވެސް ރެއަލްގެ ބޭލްއާއި އެސެންސިއޯ އަދި ޔުނައިޓެޑުގެ މާކަސް ރަޝްފޯޑަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ސުޕަ ކަޕް ކާމިޔާބުކޮށް ރެއަލް ވަނީ ޖެހިޖެހިގެން ދެ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އަދި ސުޕަ ކަޕްވެސް ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ޝަރަފު ހޯދާފައެވެ.