Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

މުސްތަފާގެ ޕާސްޕޯޓް ތިން މަހަށް ހިފަހައްޓައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރު ވައްޓާލުމަށް ގޮވާލިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ޕާސްޕޯޓް ތިން މަސް ދުވަހަށް ހިފަހައްޓައިފި އެވެ.

އެ އަމަރުގެ ކޮޕީއަކާއިއެކު މުސްތަފާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ރަށުން ބޭރަށް ފުރުން މަނާކުރާ ކޯޓް އަމުރު ދާދި ދެންމެ ލިބިއްޖެ. އެކަމަކު މި ކޯޓް އަމަރު ހަވާލުކުރީ ކޯޓަކުން ނޫން، ފުލުހުން" ކަމަށެވެ.

ރޭ 21:00 ގައި ކްރިމިނަލް ކޯޓްގެ ގާޒީ އިބްރާހިމް އަލީ ނެރުއްވި އަމަރުގައި ބުނެފައި ވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކޮށް، ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭގޮތަށް ވާހަކަދެއްކެވި ކަމަށް ތުހުމަތުކުރާ ކަމަށެވެ.

އެކަމުގެ ހެއްކަކަށް ކޯޓުން ހުށައަޅާފައި ވަނީ ރާއްޖެ ޓީވީގައި މުސްތަވާ ދެއްކި ވާހަކައިގެ ވީޑިއޯ އާއި އެ ވާހަކަތަކުގެ ސްކްރިޕްޓެވެ.

މީގެ އިތުރުން އެ އަމަރުގައި ބުނެފައި ވަނީ މުސްތަފާ ރާއްޖޭގައި މަޑުކުރުވަން ބޭނުންވަނީ އޭނާ ފިއްލަވާފާނެ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އެ ކޯޓް އަމުރުގެ ދަށުން އޮގަސްޓް އިން ފެށިގެން ނޮވެމްބަރު 8 އާއި ހަމައަށް މުސްތަފާގެ ޕާސްޕޯޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.