Last Updated: June 29, 21:20
Monday, June 29, 2026
ދުނިޔެ

ޗައިނާ އަށް ބާރުގަދަ ބިންހެލުމެއް

ފޮޓޯ: އޭއެފްޕީ

ޗައިނާގެ ހުޅަނގު ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ސިޗުއާން އަށް ބިންހެލުމެއްގައި ފަސް މީހުން މަރުވެ 60 އަށްވުރެ ގިނަ މީހުންނަށް އަނިޔާ ވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

6.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި އެ ބިންހެލުމުގެ އަސަރު ކޮށްފައި ވަނީ ސިޗުއާން ޕްރޮވިންސްގެ އުތުރު ފަރާތަށް ކަމަށް ޔޫއެސް ޖިއޯލޮޖިކަލް ސާވޭ އިން ބުނެއެވެ.

ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު ފަހަކަށްވުރެ އިތުރެވެ.

ސިޗުއާން ޕްރޮވިންސަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ސަރަޙައްދެކެވެ. އެގޮތުން 2008 ވަނަ އަހަރު އައި އެ އަވަށަށް އައި ބިންހެލުމެއްގައި 70،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ބިންހެލުން އައިސްފައި ވަނީ ސިޗުއާން ޕްރޮވިންސްގެ ވެރިރަށް ޗެންގްޑޫ ގެ އުތުރުން 300 ކިލޯމީޓަރު ދުރަށެވެ. ބިންހެލުމުގެ ފުން މިނަކީ 10 ކިލޯމީޓަރެވެ.

ރޭ އައި ބިންހެލުމުގައި ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އެ ސަރަޙައްދުގައި ރެސްޓޯރެންޓެއް ހިންގާ މީހަކު ބުނީ 2008 ވަނަ އަހަރު އައި ބިންހެލުމަށްވުރެ ރޭ އައި ބިންހެލުމުގެ ބާރު މާ ބޮޑު ކަމަށް އިހުސާސް ކުރެވުނު ކަމަށެވެ.