Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރިލްވާން "މަރުވިކަން" އާއިލާއަށް ނޭންގުމަކީ މައްސަލައެއް: ހިސާން

ގާނޫނީ ވަކީލް ހިސާން ހުސެއިން، ފޮޓޯ: އަވަސް

ވީ ނުވީއެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން މަރުވެފައިވާކަމަށް ފުލުހުންނަށް އެނގި އެކަން އާއިލާއަށް ނޭނގުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށް ރިލްވާންގެ އާއިލާގެ ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ރިލްވާން ގެއްލުނުތާ 3 އަހަރު ވީއިރުވެސް ރިލްވާންއަށް ވީގޮތެއް އާއިލާއަށާއި ދިވެހި ރައްޔިތުންނަށް ނޭނގޭތީ އެކަމާއި ގުޅިގެން އާއިލާއިން ރޭ އިންތިޒާމްކުރި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ރިލްވާންގެ މައްސަލާގައި ފުލުހުން ދައްކަނީ އެކި ފަހަރުއެކި ވާހަކަތައް ކަމަށެވެ.

އަދި މިގޮތަށް މި ތަހްގީގުތައް ފުލުހުން ކުރަމުން ދަނީ ލިބޭ މައުލޫމާތުގެ އެހީގައިކަމަށެވެ. ނަމަވެސް އާއިލާއިން އެދިއެދިވެސް ފުލުހުންގެ ފަރާތުން ރިލްވާންއަށް ވީގޮތެއް ބުނެނުދެވޭކަމަށެވެ.

ރިލްވާންގެ މަރުގެ މައްސަލައިގެ ތަހްގީގުގައި ބޮޑެތި އިހްމާލުވުންތައް ހުރިކަމަށް ގަބޫލްކޮށް އާއިލާގެ ފަރާތުން ވަނީ އެކަންކަން ފާހަގަކޮށް ނެޝަނަލް އިންޓަގްރިޓީ ކަމިޝަނަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އަދިވެސް އެކަން ބެލިފައި ނުވެއެވެ.

ފުލުހުން ރިލްވާންއަށް ވީގޮތެއް ބުނެނުދީގެން އާއިލާގެ ފަރާތުން ވަނީ 2016 ވަނަ އަހަރު އެކަން ބަލައިދިނުމަށް މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

ހިސާން ވިދާޅުވީ މިމައްސަަލަ މިހެން އޮތްވައި ހޯމް މިނިސްޓްރީން ބޭއްވި ނޫސްކޮންފަރެންސެއްގައި ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ދެއްކެވި ވާހަކަފުޅުގައި "ރިލްވާންގެ މަރުގެ މައްސަލަ"މިފަދައިން ބޭނުންކޮށްފައިވާތީ ފުލުހުންނަށް ރިލްވާން މަރުވެއްޖެކަން އެނގޭކަމަށެވެ. އަދި އެކަން އެގޮތަށް އެނގިތިބެ އާއިލާއަށް ނާންގާ ތިބި ތިބުމަކީ ވަރަށް ބޮޑު ކުށެއް ކަމަށެވެ.

ރިލްވާންއަށް ވީ ނުވީއެއް ނޭގިފައިވާ އިރު އޭނާއަށް ވީ ގޮތެއް ބެލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދިޔަ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔާމީން ރަޝީދު ވަނީ އަނިޔާވެރިގޮތަކަށް ކަތިލާފައެވެ.