ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަށް މިއަދު ކޯޓަށް ހާޒިރު ކުރުމަށް ފުލުހުން އިއްޔެ ނަޝީދު ހައްޔަރުކޮށްފައިވާތީ އެ މަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް އެމްޑީޕީ އައްޑޫ ދާއިރާ އިން ގޮވާލައިފި އެވެ.
އެމްޑީީޕީގެ އައްޑޫ ރައީސް އަހުމަދު އަދުހަމް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ނަޝީދު ހައްޔަރު ކޮށްގެން ދޫނިދު އަށް ގެންގޮސްފައިވާތީ އެ އައްޑޫ ސިޓީގެ ފަރާތުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މަނިކުފާނު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ވެސް އައްޑޫ ސިޓީގެ ފަރާތުން ގޮވާލާ ކަމަށެވެ.
"ރާއްޖޭގައި އޮތް 30 އަހަރުގެ ހުދުމުޚުތާރު ވެރިކަން 2008 ވަނަ އަހަރު ޑިމޮކްރަސީގެ ރީތި އުޞޫލުން ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ ސަޕޯޓާ އެކު ބަދަލުކޮށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޤާނޫނާ ޚިލާފަށް އެމަނިކުފާނު ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރިކުރުމުން، މިކަމާ ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގެ ޤާނޫން އަސާސީގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރު މި މާއްދާގެ 7 ވަނަ ނަމްބަރާ ޚިލާފަށް ދިވެހި ރާއްޖޭގެ އަމަން ބަލަހައްޓަން ތިބި ފުލުހުން މޫނު ނިވާކޮށްގެން ތިބެ ރައީސް ނަޝީދު ހައްޔަރު ކޮށްގެން ދޫނިދު އަށް ގެންގޮސްފައިވާތީ މިކަން އައްޑޫސިޓީގެ ފަރާތުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި އެމަނިކުފާނު ވަގުތުން ވަގުތަށް ދޫކޮށްލުމަށްވެސް އައްޑޫ ސިޓީގެ ފަރާތުން ގޮވާލަމެވެ." އަދުހަމްގެ ބަޔާނުގައިވެ އެވެ. "ޤާނޫން އަސާސީގެ އެއްވެ އުޅުމުގެ މިނިވަންކަމުގެ 32 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ދައުލަތުގެ ހުއްދަ އެއް ކުރީން ހޯދުމަކާ ނުލައި ޞުލްޙަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ."
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ޢިއްޒައްތެރި މެމްބަރު އަދި އިތުރު އެތައް ބަޔަކު އެކަމާ ދެކޮޅަށް އިހުތިޖާޖް ކުރުމުގައި އަޑު އުފުލަމުން ދަނިކޮށް ފުލުހުން ވަނީ އަނިޔާވެރިކޮށް ހައްޔަރުކޮށްކޮށްފައިވާ ކަމަށެވެ.
އެހެންވެ ހައްޔަރު ކުރެވުނު އެންމެން ވަގުތުން ދޫކޮށްލައި ފުލުހުން ކުރަމުންދާ ޤާނޫނާ ޚިލާފު ޢަމަލްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި ރައްޔިތުންނަށް އަނިޔާ ކުރުން ހުއްޓާލުމަށް ވެސް ރާއްޖޭގެ ފުލުހުންނަށް ގޮވާލާ ކަމަށް އެމްޑީޕީ އައްޑޫ ރައީސްގެ ބަޔާނުގައި ވެ އެވެ.