އެއްވެސް ޕާޓީއެއްގެ ޓިކެޓެއްގައި ވާދަނުކޮށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވާ މެމްބަރުންނަށް ވެސް ސުޕްރީމް ކޯޓުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ކުރި ހުކުމް ހިނގާނެ ކަމަށް ދައުލަތުން ކޯޓުގައި ބުނެފި އެވެ.
މިއަދު ސުޕްރީމް ކޯޓުގައި ތާވަލުކޮށް ކުރިއަށް ގެންދާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްގެ ފަރާތުން ހުށައެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ އެހެން މެމްބަރުންނެކޭ އެއްފަދައިން އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބުވާ މެމްބަރުންނަށްވެސް ހުކުމް ހިނގާނެ ކަމަށް ބުނެފައެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އިންތިޚާބުވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް އިންތިޚާބުވުމަށްފަހު ޕީޕީއެމާއި ގުޅިވަޑައިގެންފައިވާއިރު އޭނާ ވަނީ މިދިޔަ މަހުތެރޭ ޕާޓީން ވަކިވެފައެވެ.
ނަމަވެސް ޕީޕީއެމުން ވަނީ ސުލޫކީ މައްސަލައެއް ބަލަމުންދާކަމަށްބުނެ ލަތީފް ވަކިނުކޮށް، ސުޕްރީމް ކޯޓުން މެމްބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ހުކުމް ކުރުމުން ޕާޓީން ވަކިކޮށްފައެވެ. އަދި ވަކިކުރުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައި ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައެވެ.