Last Updated: April 23, 23:56
Tuesday, April 23, 2024
ރިޕޯޓް

ބޯގޮވީމާ ލަސްނުކޮށް ދެން ފައިބާށެވެ.

ރައީސް ޔާމީން ހަފްލާއެއްގެ ތެރޭގައި، ފޮޓޯ: ޓްވިޓަރ

އިދިކޮޅު ލީޑަރުންނާއެކު ރައީސް މައުމޫން މަސައްކަތް ކުރައްވަނީ ކީއްވެގެންކަން ވިސްނާވިސްނާ ސިކުނޑި ގޮވާވަރުވެއްޖެ ކަމަށް ރައީސް ޔާމީން ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އުޅެއުޅެވެސް އޭގެ ސަބަބު ވިސްނިވަޑައިނުގަތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މަގޭ ހިތުގައި ޖެހުނެވެ. ރައީސް ޔާމީނު އެކަންޏެއް ނޫނެވެ. މުޅި ގައުމު ބޯގޮވައި އަވަދިވެއްޖެއެވެ. ގައުމުގެ ވެރިމީހާ ބޯގޮވީމާ ދެން ގައުމުގެ ބޯނުގޮވައި ގިނައިރުތަކެއްނުވާނެއެވެ. ގައުމުގެ ކަންތައް އަވަދިވެއްޖެއެވެ.

ރިޔާސީ ޓީވީއެއް ހައްދަވައިގެން ރެޔާއިދުވާލު އެޓީވީގައި ރައީސް މައުމޫނަށް ހުތުރުދީ ފުރައްސާރަކުރަނީއެވެ. މައުމޫނުގެ އަބުރާއި ޝަޚުސު ކަތިލުމަށް އަމާޒުކުރެވިގެން ކުރަހާފައިވާ ކާޓޫނުތައް ދައްކަނީއެވެ. މުސްކުޅި ސާރިދޯޅެކޭވެސް ގޮވިބަޔަކު ގޮވައިފިއެވެ. ވަޒީރުންގެ ތެރެއިން ޝައިނީއަކާއި ސައީދަކާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން އަބްދުއްރަހީމަކާއި މިހެންގޮސް މަދުބައެއްގެ ކަމަކީ ރައީސް މައުމޫނަށް ފުރައްސާރަކުރުމެވެ. މައުމޫނު އަމިއްލަފުޅަށް ހެއްދެވި ޕާޓީވެސް އެމަނިކުފާނުގެ ކިބައިން ވަކިކޮށްފިއެވެ. ނުވީތާކަށް އުސޫލުތަކާއި ހަމަތަކުގެ ބޭރުން ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް ހައްޔަރުކޮށް ހުރަގޭގައި އަނިޔާދެނީއެވެ. އެކަމަކުވެސް އިދިކޮޅު ކޭމްޕުގައި ރައީސް މައުމޫނު ހުންނަވާ ސަބަބު ނުވިސްނުނެވެ. މީހަކު އަޖައިބެއްނުވާނެބާވައެވެ.

ރައީސް ޔާމީނު ބޯގޮވާވަރުވީ ނުވަތަ ބޯގޮވީ މައުމޫން މިހައްދަވާ އެއްޗެއް އެނގިވަޑައިނުގަންނަވާތީއެވެ. މަމެން ދިވެހި ރައްޔިތުން ބޯގޮވަނީ ރައީސް ޔާމީން ވިދާޅުވަމުން ތިޔަގެންދަވާ ހިކުމަތްތެރި މާނަފުން ބަސްފުޅުތައް މޭރުން ނުވެގެންނެވެ. އެފަދަ ބަސްފުޅުތައް ވިދާޅުވާ ސަބަބުވެސް މޭރުން ނުވެގެންނެވެ. މިކަމާ ވިސްނާވިސްނާ މަމެން ބޯގޮވައިފިއެވެ. ގައުމާއިދޭތެރޭ ފިކުރު ބޮޑުވެއްޖެއެވެ. ރައީސް ޔާމީނުގެ ބަސްފުޅުތަކުގެ ތެރެއިން މަމެން ބޯގޮވަން ޖެހުނު ބައެއް ވާހަކަފުޅުތަކަށް ބަލައިލާނަމެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރަކީ އޭނާ ލައިގެންހުރި ޓީޝާޓުގެ ސަބަބުން އޮޅިގެން ދެވުނު ހަމަލާއަކުންވީ މަރެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ބަޔަކު ހައްޔަރުވެސް ނުކުރެވެނީސް އަދި ތަހުގީގެއްވެސް ނުހިންގެނީސް ޓީޝާޓު ކުށްވެރިވެ އަނަސްގެ މަރަކީ އޮޅުމުގެ މަރަކަށްވާން ޖެހުނު ގޮތެއް ހަމައެކަކަށްވެސް ނުވިސްނުނެވެ. ފުލުހުންވެސް އެއްޗެކޭ ބުނީއެއް ނޫނެވެ. ކޮންމެވެސް މީހަކު ފޭސްބުކުގައި އެއީ ޓީޝާޓުގެ ސަބަބުން ވީކަމެކޭ ލިޔުނޯލައެވެ. ދެން މިއިވުނީ ރައީސް ޔާމީނު ވިދާޅުވި ވާހަކަފުޅެވެ. ފޭސްބުކުގައި މީހަކު ޖަހައިލާ ސްޓޭޓަސްއަކުން މިވަރުގެ ބޮޑު ވާހަކަފުޅެއް ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ދައްކަވަން ޖެހޭނެ ބާވައެވެ. މިކަމާ ވިސްނާވިސްނާ މަގޭ ބޯގޮވައިފިއެވެ.

ކުރީގެ ދިފާއީވަޒީރު ކާނަލް މުހައްމަދު ނާޒިމު ޖަލުގައި ހުންނެވީ އަނިޔާވެރި ގޮތަކަށް ފްރޭމްކުރެވިގެންކަމީ މިގައުމުގެ އެންމެން ގަބޫލުކުރާ ހަގީގަތެކެވެ. ހުކުމް އިއްވުނުއިރުވެސް ތަހުގީގު ނުނިމޭކަމަށް ފުލުހުންވެސް ވަނީ އިއުތިރާފުވެފައެވެ. ތަހުގީގު ނިމުނުއިރު ހާމަވި ބައެއް ހެކިތަކާއި ގުޅުންހުރި މީހުން އެބުނަނީ ކާނަލް ނާޒިމުގެ އެއްވެސް ކުށެއް ނެތްކަމުގައެވެ. އެކަމަކު އެއްވެސް މުވައްސަސާއަކުން ނާޒިމް މިނިވަންކުރާކަށް ނޫޅެއެވެ. ދެން މިއިވުނީ ކާނަލް ނާޒިމަށް ރައީސް ޔާމީނު އިތުރު ތުހުމަތެއް ކުރެއްވި އަޑެވެ. މާކުރީޒަމާނެއްގައި ވަރަށް އެހެންކަހަލަ ހާލަތެއްގައި ވެރިކަމެއް ގާއިމް ކުރުމަށް ކާނަލް ނާޒިމު މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ. ޓްރޮއިކާ ކިޔާ އެގްރިމެންޓެއްގެ ވާހަކައެވެ. ރައީސް ޔާމީނުގެ ސަރުކާރާ ގުޅުމެއްނެތް އަދި މިހާރުގެ ކަމަކާވެސް ގުޅުން ނެތްކަމެއްގެ ވާހަކަ ދައްކަވައި ކާނަލް ނާޒިމަށް އިތުރު ތުހުމަތެއް މިކުރެއްވީ ކީއްވެގެންބާވައެވެ. ވިސްނާވިސްނާ ބޯގޮވައިފިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ މިހާރު އޮތީ ނިމިފައޭ ވެސް ރައީސް ޔާމީނު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގައުމު ހަމަމަގަށް އެޅުވުމަށް އެމަނިކުފާނާއި އެހީތެރިވެވަޑައި ގެންނެވުމުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ހައްލު ކުރެވުނު ގޮތަށް ގައުމުގައި ދެން ހުރި އެހެން މައްސަލަތައްވެސް ހައްލުވެގެން ދާނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ މައްސަލަ އޮތީ ހައްލުވެފައި ކަމަށް ރައީސް ޔާމީނު ވިދާޅުވާއިރު އެއީ ނިމިފައި އޮތް މައްސަލައެއް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރެއެވެ. އަދީބާއި ޒިޔަތު ހައްޔަރުކުރެވި ސާޅީސް ފަންސާސް ދައުވާ ކުރެވިފައިވިޔަސް އެ މައްސަލަ ނިމެން ކައިރިވެސް ނުވެއެވެ. އެތައްސަތޭކަ މިލިޔަން ރުފިޔާއެއްގެ ޚިޔާނާތުގެ މައްސަލައެކެވެ. އެފައިސާއިން ބައިއެޅުނު އެހެންމީހުން ކޮބައިބާވައެވެ. އެ ޚިޔާނާތާއިބެހޭ ގޮތުން އަދީބު ވިދާޅުވާ ވިދާޅުވުންތަކުގެ ހަގީގަތް އެއްވެސް ބަޔަކު އެބަ ތަހުގީގުކުރޭ ބާވައެވެ. މީންކަމެއް ނެތި އެމްއެމްޕީއާރްސީގެ މައްސަލަ ނިމިއްޖެޔޭ ރައީސް ޔާމީން ވިދާޅުވީމާ އެކަން އެނިމުނުގޮތަކާދޭތެރޭ ވިސްނާވިސްނާ ރައްޔިތުން ބޯގޮވައިފިއެވެ.

ސަރުކާރާއި ދެކޮޅަށް އިއްތިހާދެއް ހައްދަވައިގެން މިހާރު އުޅުއްވާ ހަތަރު ލީޑަރުންގެ އެހީތެރިކަމަށްވެސް މިހަފުތާގައި ރައީސް ޔާމީނު ވަނީ އެދިވަޑައިގެންފައެވެ. ރައީސް ޔާމީނާއި ބައިވެރިވެވަޑައިގެންފިނަމަ ގައުމުގައިހުރި އެންމެހައި މައްސަލަތައް ހައްލުވާނެ ކަަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަޖައިބު ހީވެއެވެ. ރައީސް ނަޝީދު ފިޔަވައި ދެންތިއްބެވި ތިން ބޭފުޅުންވެސް ވަރަށް ފަހަކާއި ހަމަޔަށް ތިއްބެވީ ރައީސް ޔާމީނާއެކުގައެވެ. ތިޔަ މަގާމަށް ރައީސް ޔާމީނަށް ވަޑައިގެންނެވުނީވެސް އެބޭފުޅުންގެ އެހީތެރިކަމުގައެވެ. އެބޭފުޅުން ދުރަށް ވަޑައިގެންނެވީ ހަމަ އެބޭފުޅުންގެ މައްސަލަޔަކުން ބާވައެވެ. ގަބޫލުކުރަން ދައްޗެވެ. ދެން އެބޭފުޅުންގެ އެހީޔަށް އެދިވަޑައިގެންނެވިއިރު ބާރަ ތޭރަ އަހަރުގެ ހުކުމްތައް އެއިގެ ތެރެއިން ދެ ބޭފުޅަކަށް ވަނީ އިއްވިފައެވެ. އިތުރުބޭފުޅަކު ގޮޅިއަކަށް ފެއްތުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. ދެން މިހާރު އެބޭފުޅުންނަށް ފޯރުކޮށްދެވޭނީ ކޮންކަހަލަ އެހީތެރިކަމެއް ބާވައެވެ. ވިސްނާވިސްނާ ބޯގޮވައިފިއެވެ.

މިޒާތުގެ އަދިވެސް ކިތަންމެކިތަންމެ ވާހަކަފުޅެއް ރައީސް ޔާމީނު ދައްކަވައިފިއެވެ. ޕޯޑިއަމެއްގެ ކައިރިޔަށް ވަޑައިގެންފިއްޔާ ތިޔަދައްކަވަނީ ހައްތާވެސް މަމެން ބޯގޮވާ ޒާތުގެ ވާހަކަފުޅުތަކެވެ. ވޯޓުދީގެން ތިޔަ މަގާމަށް ރައީސް ޔާމީނު ގެނައީ މަމެން ބޯގޮއްވާކަށް ނޫނެވެ. އަދި ރައީސް ޔާމީނު އަމިއްލަފުޅު ބޯ ގޮއްވާކަށްވެސް ނޫނެވެ. އެހެންވީމާ މަމެން ބޯގޮއްވަން ދެން އިތުރަށް އުޅުއްވާނެކަމެއް ނެތެވެ. މަނިކުފާނުގެވެސް އަދި މަމެން ރަައްޔިތުންގެވެސް ބޮލަށް އެންމެ ރައްކާތެރި ގޮތަކީ ތިޔަ މަގާމުން ފައިބާވަޑައިގަތުމެވެ. ބޯގޮވީމާ ދެން އޮތްގޮތަކީ ލަސްނުކޮށް އަވަހަށް ފޭބުމެވެ. ގައުމު އެދެނީ އެގޮތެވެ.