Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ކޯޓްގައި އޭޖީ ތަމްސީލު ކުރައްވަނީ ޕީޕީއެމް: މާރިޔާ

ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓްގައި ތަމްސީލު ކުރައްވަނީ ދައުލަތް ނޫން ކަމަށާއި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ކަމަށް މައްޗަނގޮޅި އުތުރު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ސުޕްރީމް ކޯޓުގައި ދައުލަތުގެ ވަކީލުން ދައުލަތް ތަމްސީލު ކުރައްވަމުން ދައްކަވާ ވާހަކަތަކަށް އަލިއަޅުވާލަމުން ވިދާޅުވެފައިވަނީ މެމްބަރުން ވަކިކުރި މައްސަލަތަކުގެ އަޑުއެހުންތަކަށް ވަނުމުން އެނގުނީ ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓުގައި ތަމްސީލު ކުރައްވަނީ ދައުލަތް ނޫން ކަމަށާއި ޕީޕީއެމް ކަމަށެވެ.

މާރިޔާ މިހެން ވިދާޅުވެފައިވާއިރު މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވަނީ އިއްޔެ އޭނާގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ދެއްކެވި ވާހަކަތައް އަޑުއެހުމަށް ދަތިވެ ޖަވާބު ދެއްވަން އުއްތަމަ ފަނޑިޔާރު ފުރުސަތު އެރުވުމުން ކަރުނަ އޮއްސާލާފައެވެ.

ވައްޑެ ވިދާޅުވެފައިވަނީ ދައުލަތުގެ ވަކީލުން ދެއްކެވި ވާހަކަތައް އަޑުއެހީ ގަބޫލުކުރަން ދަތި ހާލެއްގައި ކަމަށެވެ. އާންމުކޮށް ވަކާލާތު ކުރައްވާއިރު ވަރަށް ދޫފަރިތަކޮށް ވާހަކަ ދައްކަވާ ލޯޔަރު ވައްޑެ ވަނީ އިއްޔެ ދައުލަތުގެ ވަކީލުން ވާހަކައިން ބަސް ހުއްޓިފައެވެ.

އުއްތަމަ ފަނޑިޔާރު އެރުވު ފުރުސަތުގައި ވައްޑެއަށް ކޮށްފައިވާ އަސަރުގެ ސަބަބުން ވާހަކަ ނުދެއްކެވި އިށީނދެވަޑައިގަތުމުން އުއްތަމަ ފަނޑިޔާރު ވަނީ ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު އަރުވާފައެވެ. ވަރަށް ހިތްވަރާއެކު ވައްޑެ ވަނީ ދެވަނަ ފަހަރުގައި ދައުލަތުގެ ވަކީލުން ދެއްކެވި ވާހަކަ އަށް ރައްދުދެއްވައި، ހިތާމަކުރާ ވާހަކަ ކޯޓުގައި ވިދާޅުވެފައެވެ.

މެމްބަރުން ވަކިކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް މެމްބަރުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަތަކުގެ އަޑުއެހުން ކުރިއަށްދާއިރު ދައުލަތުގެ ވަކީލުންގެ ވާހަކަތަކަށް ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލުން އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ކަން ފާހަގަކޮށްލެވެއެވެ.