ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހިމް(ލޯޔަރު ވައްޑެ)ގެ ބަންދުގެ މުއްދަތު ހަތަރު ދުވަހަށް އިތުރުކޮށްފިއެވެ.
މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ބަންދުކޮށްފައިވަނިކޮށް މެމްބަރެއް ނޫންކަމަށް އީސީ އިން ކަނޑައަޅާފައިވާ މެމްބަރަކު ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައި މަޖިލިސް ތެރެއަށް ވަންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ވައްޑެގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އީސީގެ ނިންމުން ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ހުށައެޅި މައްސަލަ ކުރިއަށް ދަނިކޮށެވެ.
އިއްޔެ ޝަރީއަތުގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު ވައްޑެ ވަނީ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވުމަށް ކޯޓަށް ހާޒިރުކޮށްފައެވެ.
ފުލުހުންގެ އެދުމުގެ މަތިން ވައްޑެގެ ބަންދުގެ މުއްދަތު ވަނީ މީގެ ކުރިން 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައެވެ. ވައްޑެއާއެކު ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތުވެސް ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.