މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެރޭ މާލޭގައި އަނިޔާވެރިގޮތަކަށް މަރާލި ނޫސްވެރިޔާ އަދި ބްލޮގާރ، ސ. ފޭދޫ، ޗަނބޭލީގެ ޔާމީން ރަޝީދުގެ މަރާލާފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ ބައެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ޔާމީން މަރާލާފައިވަނީ ޔާމީނަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް ބަލާފައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
ޔާމީންގެ މަރުގެ މައްސަލައާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދެމުން އެސްޕީ ޝަމީމް ވިދާޅުވެފައިވަނީ ޔާމީންގެ ތަހުގީގަށް ފުލުހުން ހޯދި އެއްވެސް ހެއްކެއް ނައްތާލުމަށް މަސައްކަތް ކޮށްފައިނުވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށާއި ޔާމީންގެ އާއިލާއަށް އަރުވާކަމަށެވެ.
ފުލުހުން ވަނީ ޔާމީން މަރާލި މައްސަލައިގެ ތަހުގީގީ ރިޕޯޓެއް އާންމުކޮށްފައެވެ. ހާލަތަށް ބެލުމަށްފަހު ބައެއް މައުލޫމާތު ބަދަލުކޮށް މި ވީޑިއޯ ދެއްކި ނަމަވެސް ފުލުހުން ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެއްވެސް މައުލޫމާތެއް ބަދަލުނުކޮށް ފުރިހަމަ ހެކިތަކާއި ތަހުގީގީ ރިޕޯޓެއް ކަމަށެވެ.
ވީޑިއޯ ރިޕޯޓުގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޔާމީން މަރާލުމުގައި 8 މީހަކު ހިމެނިފައިވާ ކަމަށާއި 7 މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އަދި އޭގެތެރެއިން އެކަކު ވަނީ ގޭބަންދަށް ދޫކޮށްލާފައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި 8 މީހުން ދެބަޔަކަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެއް ބަޔަކު ޔާމީން ރަޝީދަށް ފާރަލަމުން ދިޔަ ކަމަށާއި ޔާމީން މަރާލުމަށް ޔާމީންގެ ގޭގައި ހަރަކާތްތެރިވެފައިވަނީ 3 މީހުން ކަމަށެވެ.
އޭގެ ތެރެއިން އެކަކު ވަނީ ގޭ ބޭރުގައި ފާރަލުމަށް މަސައްކަތް ކުރިކަމަށާއި ދެމީހަކު ވަނީ ޔާމީން ދިރިއުޅުނު ގެއަށް ވަދެފައި ކަމަށެވެ. ޔާމީން ގެއަށް ވަނުމަށް ލިފްޓު ހުޅުވިއިރު ލިފްޓުން ޔާމީން މަރާލުމުގައި ހަރަކާތްތެރިވި ދެމީހުންގެ ވީޑިއޯ ލިފްޓު ކެމެރާއިން ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ މަސްވެރިންގެ ޕާކާއި ފަތާ ޓްރެކް ސަރަހައްދުގެ މޫދު އަދި މޭރީބްރައުން ސަރަހައްދުގެ މޫދު ހެކި ހޯދުމަށް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ހައްޔަރުކުރި މީހުން ދިރިއުޅުނު ގެވެސް ވަނީ ބަލާ ފާސްކޮށްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ޔާމީން މަރާލުމުގައި ހަރަކާތްތެރިވެފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށާއި އެމީހުންނަކީ ކޮންމެވެސް ވަރަކަށް ކިޔަވައިގެން ތިބި މީހުން ކަމަށާއި ނަމަވެސް އެމީހުންނަކީ ދީނީ ގޮތުން ރަސްމީ ގޮތުން ދީނީ ގޮތުން ފަތުވާދެވޭނެ ފެންވަރު ތިބި ބައެއް ނޫން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އަދި ޔާމީން މަރާލާފައިވަނީ ދީނީ ގޮތުން އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށާއި ގާތިލުން ޔާމީން މަރާލާފައިވަނީ ޔާމީނަކީ ދީނަށް ފުރައްސާރަ ކުރާ މީހެއްގެ ގޮތުގައި އެމީހުން ދެކިފައިވާކަމަށް ތަހުގީގގަށް އެނގިފައިވާ ކަމަށެވެ.