Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

އާޒިމްގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އާޒިމް މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާއަކީ މަޖިލީހުގެ މެމްބަރެއް ކަމަށާއި، އެހެންނަމަވެސް މަޖިލީހުގެ އިދާރާއަށް ވަނުމާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ބިރުދެއްކުން ހުއްޓާލުމަށް ވެސް އާޒިމް ވަނީ ގޮވާލާފަ އެވެ.

އާޒިމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް އަދި އެނގިފައި ނުވެއެވެ.

އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.

މަހުލޫފް އާއި އަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ޖުލައި 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ސިފައިންގެ ޤާނޫނީ ވާޖިބަށް ހުރަސް އަޅައި، ސިފައިންނާއިމެދު މަޖިލީހުގެ ބައެއް މެމްބަރުން މާރާމާރީ ހިންގި ކަމުގެ މައްސަލައާއި ގުޅިގެންނެވެ.

އަދި މުސްތަފާގެ ޕާސްޕޯޓް ހިފެހެއްޓީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރު ވައްޓާލުމަށް ގޮވާލިކަމުގެ ތުހުމަތުގައެވެ.