Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

5ރ. ގެ އާ ނޫޓް ބޭނުން ކުރަން ފަށައިފި

ރާއްޖެ އަށް އަލަށް ތަޢާރަފް ކުރާ ފަސް ރުފިޔާގެ ނޫޓްތައް ބޭނުންކުރަން މިއަދު ބޭނުން ކުރަން ފަށައިފި އެވެ.

"ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ދަށުން ފަރުމާ ކުރި ފަސް ރުފިޔާގެ އާ ޕޮލިމާ ނޫޓު ނެރުމަށް މިއަދު އެމްއެމްއޭގައި ޚާއްސަ ވަނީ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

އެ އޮތޯރިޓީ އިން ބުނެފައިވާ ގޮތުގައި ރަން ދިހަ ފަހެއްގެ ނޫޓް ސީރީސްގެ ފަސް ރުފިޔާގެ ނޫޓްތައް ވަނީ ޗާޕު ކުރެވި، މިދިޔަ މަހުގެ 23 ވަނަ ދުވަހު ރާއްޖެއަ ށް ގެނެސްފައެވެ.

އާ ފަސް ރުފިޔާގެ ނޫޓް ތަޢާރަފް ކޮށްފައި ވަނީ މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު އިސްކަންދަރު ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ނޫޓް ދައްކާލެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ފަސް ރުފިޔާގެ އާ ނޫޓަކީ މިހާރު ބޭނުން ކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި 10، 20 އަދި 50 ރުފިޔާގެ ހުރިހާ ސަލާމަތީ ސިފަތަކެއް ހިމެނޭ ނޫޓެކެވެ.

ފަސް ރުފިޔާގެ އާ ނޫޓު ވެސް ޑިޒައިންކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތު އެވެ.

އަދި ނޫޓުގެ ފަހަތުގައި ކުރަހާފައި ވަނީ ސަންގެކެވެ. އެއިން ދައްކައި ދެނީ މުއާސަލާތު ކުރުމަށް ކުރިން ގެންގުޅުނު ވަސީލަތެއްކަމެވެ.

އެ ނޫޓްގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ މަޝްހޫރު ފޮޓޯއެއް ވެސް ވަނީ ހިމަނާފައެވެ.

އެ ނޫޓުގައި އެހެން ނޫޓުތަކާ ތަފާތު އިތުރު ސަލާމަތީ ސިފައެއްގެ ގޮތުގައި ނޫޓުގެ ކްލިއާ ވިންޑޯގެ އެއްފަރާތުން ނޫޓުގެ ތެރެއިން އަނެއް ފަރާތް ފެންނަ ގޮތަށް ނޫޓުގެ މޫނުމަތީ އަގު ފެންނަން ހުރެ އެވެ.

"ރަން ދިހަ ފަހެއް" ސީރީސްގެ ހުރިހާ ނޫޓެއްގައި ވެސް ސޮއި ކޮށްފައި ވަނީ އެމްއެމްއޭ ގެ ގަވަރުނަރު އަޒީމާ އާދަމެވެ.