އެޑިއުކޭޝަން މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިލެކްޓްރީޝަނުން ތަމްރީން ކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މުޅި ރާއްޖެ އަށް އަމާޒްކޮށްގެން އެއްވެސް ފީ އަކާ ނުލައި، އޮންލައިންކޮށް ކުރިއަށް ގެންދާ މި ކޯހަކީ ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ ކޯހެކެވެ. 1500 ޓެކްނީޝަނުން ތަމްރީން ކުރެވޭނެ މި ކޯހަކީ ސެޓްފިކެޓް ތިނެއްގެ ފެންވަރުގެ ކޯހެކެވެ.
ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ 18 އަހަރުވެފައިވުމާއި އެކު އިނގިރޭސި އަދި ދިވެހި ބަހުން ލިޔަން ކިޔަން ދަންނަ، ގްރޭޑް ހައެއް ފުރިހަމަ ކޮށްފައިވާ ނުވަތަ ލެވެލް ދޭއްގެ ސަނަދެއް ހާސިލް ކޮށްފައިވާ މީހަކަށް ވުމެއެވެ.
ކޯހުގައި ބައިވެރުވުމަށް އެދި ހުށައަޅާ ލިޔުންތައް ހުށައަޅާން ޖެހެނީ މާލޭގައި ނަމަ މޯލްޑިވްސް ޕޮލިޓެކްނިކަށް ނުވަތަ އެތަނުގެ މެއިލަށް މެއިލް ކޮށްގެންނެވެ. އަދި އަތޮޅު ތެރެއިންނަމަ، ޕޮލިޓެކްނިކުން އައްޑޫ ސިޓީ، ގއ. ވިލިނގިލި، ށ. ތުލުސްދޫ އަދި ރ. އަލިފުށިގައި ހިންގަމުން އަންނަ ކެމްޕަސްތަކަށެވެ.
މީގެ އިތުރުން ވެސް ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުން އަންނަ ބްރާންޗްތަކަށާއި، ރަށު ކައުންސިލްތަކަށް ވެސް ފޯމް ހުށައެޅޭނެ ކަމަށް މޯލްޑިވްސް ޕޮލިޓެކްނިކް އިން ބުނެއެވެ.
ކޯހުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމްތައް ބަލައިގަންނާނީ 27 އޮގަސްޓް 2017 ގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.
މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.