Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

ރައްޔިތުންގެ ހައްގުގައި ގާސިމްގެ އިޚުލާސްތެރި ގުރުބާނީ!

ރާއްޖޭގައި ކާމިޔާބު ވިޔަފާރިވެރިން ވަރަށް ގިނައެވެ. ބޭރުގެ މަހުޖަނުންނާއި ފައިހަމަކޮށްލެވޭވަރުގެ މަހުޖަނުން ރާއްޖޭގައިވެސް އެބަތިއްބެވެ. އެހެންނަމަވެސް ރައްޔިތުންގެ ކެކުޅުންތައް އެންމެ ކައިރިން ބަލައި ރައްޔިތުންގެ ހައްގުތަކަށްޓަކައި ގުރުބާންވާ ވިޔަފާރިވެރިން ގިނައެއް ނޫނެވެ. ރައްޔިތުންނަށްޓަކައި ދީލަތިކަމުގެ ނަމޫނާ ދައްކާ ވިޔަފާރިވެރިން ގިނައެއް ނޫނެވެ. ގައުމުގެ ދަރީންގެ ސިއްހަތާއި ތައުލީމަށްޓަކައި އަމިއްލަ ޖީބު ހުސްކޮށް ހޭދަކުރާ ވިޔަފާރިވެރިން ގިނައެއް ނޫނެވެ. ރައްޔިތުންގެ ލޯތްބާއި ހެޔޮއެދުން ލިބިގެން ތިބި ވިޔަފާރިވެރިން ގިނައެއް ނޫނެވެ.

ރައްޔިތުންނަށްޓަކައި ގުރުބާންވާ ވިޔަފާރިވެރިއަކަށް ރައްޔިތުންގެ ރުހުމާއި ކުލުނު އޮންނާނެއެވެ. އެކަމަކީ ސިޔާސީ މައިދާން ހަލަބޮލިވާ ދަނޑިވަޅުތަކުގައި ބައެއް މީހުންނަށް ހަޖަމުކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. ރައްޔިތުންނާއި ހެދި ނޫޅޭ ވިޔަފާރިވެރިޔަކަށް ސަރުކާރެއް ބަދަލުވެގެން ސިޔާސީ މަސްރަހަށް އަންނަ ލޮޅުމަކުން އަރާނެ ގުޑުމެއް ނޯންނާނެއެވެ. މިފަދަ ދަނޑިވަޅުތަކުގައި ގުޑުން އަރާނީ ރައްޔިތުންނާއިހެދި އުޅޭ މީހަކަށެވެ. ރައްޔިތުން ބަރޯސާކުރާ މީހަކަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުން މިހާރު އެންމެ ގިނައިން އިވޭ އަޑަކީ ވިލާ ކުންފުނީގެ ޗެއަރމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމާ މެދު ރައީސް ޔާމީނުގެ ސަރުކާރުން އަނިޔާވެރިވެ ނުހައްގުން ކަންތައްތަކެއް ކުރަމުންދާ ވާހަކައެވެ. އެމަނިކުފާނުގެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށްފިއެވެ. އެމަނިކުފާނުގެ ގެދޮރުގެ ހުރުމަތް ކަނޑާލައި އެތަންތަނަށް އަރައިގެންފިއެވެ. އެމަނިކުފާނާމެދު ސާބިތު ނުހިފޭ ވާހަކަތަކެއް ފަތުރައި އެކި އިލްޒާމުތައް އިސްތަށިފުޅުގައި އަޅުވައި ހައްޔަރުވެސް ކޮށްފިއެވެ. އިތުރު ގޮޅިގޮޅިޔަށް އެމަނިކުފާނު ފެއްތުމަށްޓަކައި ދައުވާތަކެއް އުފުލި ކޯޓުތަކުގައި މިހާރުވެސް ސަރިޔަތް ދަނީ ހިގަމުންނެވެ. އޮނަރަބަލް ގާސިމް އިބްރާހީމާއި އެމަނިކުފާނުގެ ވިލާ ކުންފުންޏަށް މިވަރުގެ ބޮޑު ލޮޚުސާނެއް ކުރިމަތިވުމުގެ ހަގީގަތަކީ ކޮބައިހެއްޔެވެ. އެތައްހާސް ބައެއްގެ ދިރިއުޅުމާއި ގުޅިފައިވާ ވިލާ ކުންފުންޏަށް ދޭތެރެދޭތެރެއިން މިއަރާ ލޮޅުންތަކާމެދު ކޮންމެ ދިވެއްސެއްގެ ހިތުތެރޭގައިވެސް ސުވާލުތައް އުފެދުމަކީ ތަބައީ ކަމެކެވެ.

ވިލާ ކުންފުންޏަކީ ދިވެހި ގައުމަށާއި ދިވެހިރައްޔިތުންނަށްޓަކައި އެމަނިކުފާނުގެ އިޚުލާސްތެރި ބުރަ މަސައްކަތުން އުފައްދަވައި ބޮޑުކުރެއްވި ކުންފުންޏެކެވެ. ހަގީގަތަކީ މިއީއެވެ. ވިލާގެ އުސްކަމާއި މައިވެރިކަމާއި މުއްސަނދިކަމުގެ ނަފާ އޮތީ މުޅި ދިވެހިރާއްޖެއަށެވެ. އެންމެހައި ދިވެހީންނަށެވެ. މިސަބަބަށްޓަކައި ރާއްޖޭގެ އެހެން ކުންފުނިތަކާއި ވިލާ ކުންފުނި ތަފާތެވެ. އެހެން ވިޔަފާރިވެރީންނާއި އޮނަރަބަލް ގާސިމް އިބްރާހީމްވެސް ތަފާތެވެ.

ވިލާ ކުންފުނި ކޮޅަށް ޖެހުމުގައި އޮންރަބަލް ގާސިމް އިބްރާހީމް ގިރާކުރައްވާފައިވާ ހަރުފަތްތަކަކީ ވަރަށް ސައުފުކޮށް ފެންނާންހުރި ހަރުފަތްތަކެކެވެ. އެކަމާއިމެދު ވަރަށް ދިގު ލިޔުންތައް ލިޔެވި ކަރުދާސްތައް ފައިލްކުރެވިފައިވެއެވެ. އެހެންވީމާ ވިލާގެ ފެށުމާއި ކުރިއެރުމާއިމެދު ޝައްކުކުރާކަށް ހަމައެކަކަށްވެސް ޖާގައެއް ނެތެވެ. ސަރުކާރުގެ އާދައިގެ ވަޒީފާއެއްގައި އުޅުއްވަމުން ގާސިމް އިބްރާހިމް ނެންގެވީ ލޯނެކެވެ. ބައްލަވައިގަތީ ބޯޓެކެވެ. ވަދެވަޑައިގަތީ ތެލުގެ ވިޔަފާރީގެ ތެރެއަށެވެ. ދެން އޭގެފަހުން އެނޫންވެސް ވިޔަފާރިތަކުގެ ތެރެއަށެވެ.

ގާސިމް އިބްރާހީމަކީ އަތޮޅުތެރެއިން ވަޑައިގެންނެވި ރަށްފުށުގެ ބޭފުޅެކެވެ. ރަށްފުށުގެ މީހުން މާލެއައިސް ކުރިމަތިލާންޖެހޭ ހުރިހާ ގޮންޖެހުންތަކާވެސް އެމަނިކުފާނު ކުރިމަތިލެއްވިއެވެ. މާލޭގެ ގެއަކަށް ފައިބައި އަމިއްލަ ދިރިއުޅުމެއް އާރާސްތުކުރެވޭތޯ ހިތްވަރުކުރާ ކޮންމެ ޒުވާނަކަށް ކުރިމަތިވާ އުނދަގޫތައް ގާސިމް އިބްރާހީމަށްވެސް ކުރިމަތިވިއެވެ. ކަންދިމާކުރި ގޮތުން ގާސިމް އިބްރާހީމްގެ ވިޔަފާރި ކުރިއަރައި ފުޅާވެގެން ދިޔަ ދަނޑިވަޅަކީ އެމަނިކުފާނު މާލޭގައި އެންމެ އިހަށް ހުންނެވި ގޭގެ ބޭފުޅުން ސަރުކާރު ހިންގެވުމުގައި ވަރަށް އިސްދައުރެއް އަދާކުރައްވަމުން ގެންދެވި ދަނޑިވަޅެވެ. އެހެންވީމާ އެބޭފުޅުންގެ ސީދާ އެހީއާއި ނުސީދާ އެހީ ގާސިމަށް ލިބިވަޑައިގެންނެވިކަމަށް ބައެއް މީހުން ހީކުރެއެވެ. އެގޮތަށް ވާހަކަވެސް ދައްކައެވެ.

ގާސިމް އިބްރާހީމްގެ ވިޔަފާރީގެ ހުރިހައި މުއާމަލާތަކީ ރިކޯޑުކުރެވި ކަރުދާހުން ފެންނާން އޮތް ކަމެކެވެ. ބޭންކު ލޯނުތަކެވެ. އެގްރީމަންޓްތަކެވެ. އެލޯނުތައް އަދާކުރައްވަމުން ގެންދެވި ގޮތެވެ. އެހެންވީމާ މިވިޔަފާރިއަށް ނާޖާއިޒުގޮތަކަށް އެއްވެސް ބަޔަކު އެއްވެސް އެއްޗެއް ވައްދާފައި ނުވާކަމާއި ވަކިބަޔަކު ސަރުކާރު ހިންގާން ތިބީމާ އެބަޔަކަށް ބަރޯސާކުރައްވައިގެން އެއްވެސްކަމެއް ގާސިމް އިބްރާހީމް ކުރައްވާފައި ނުވާކަން ރިކޯޑުތަކުން ސާފުވާނެއެވެ. ގާސިމް އިބްރާހީމްގެ ވިޔަފާރި ހަކަތައިގެ ދާއިރާއިން ފަތުރުވެރިކަމުގެ ދާއިރާއަށް އަދި ވައިގެދަތުރުފަތުރާއި އެނޫންވެސް ދާއިރާތަކަށް ފުޅާވަމުން އައިގޮތް އެހެރީ ރީއްޗަށް ފެންނާށެވެ.

މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ގާސިމް އިބްރާހީމް ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރީގައިވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ގާސިމް ނިކުމެ ވަޑައިގެންފިއެވެ. ބޭނުންފުޅަކީ ރައްޔިތުންގެ ހާލަތު ރަގަޅުކުރެއްވުމެވެ. ރާއްޖޭގެ ވެރިކަން ޒަމާނީ ޑިމޮކްރަސީއަކަށް ބަދަލުކުރުމުގެ މަސައްކަތާއި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހަރަކާތުގެ މުގުލުގައި ހުންނެވީ ގާސިމް އިބްރާހީމެވެ. ވެރިކަމުގައި ހުންނެވީ މައުމޫނުތޯއެއް ނުބައްލަވައެވެ. ގާސިމު އިހަށް ހުންނެވީ އެންދެރިމާގޭގައި ކަމަށްވެގެން އެންދެރިމާގޭ ބޭފުޅުންގެ މަސްލަހަތު އިސްކުރެއްވުމެއް ނެތެވެ. ބެއްލެވީ ގައުމުގެ ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށެވެ. ނަތީޖާއަކަށްވީ ގާސިމް އިބްރާހީމް ހައްޔަރުކުރެވުމެވެ. ވިލާ ކުންފުންޏާއި ގާސިމް އިބްރާހީމްގެ މުޅި ދުނިޔެއަށް ގުޑުން އެރުމެވެ.

މައުމޫން އަބްދުލްގައްޔޫމަކީ ދުރުވިސްނިވަޑައިގަންނަވާ ހިކުމަތްތެރި ވެރިޔެކެވެ. އެހެންވީމާ ގައުމު އެދެނީ ކޮންގޮތެއްކަން ރައްޔިތުން އެދެނީ ކޮންގޮތެއްކަން އެމަނިކުފާނު ދެނެވަޑައިގެންފިއެވެ. ހައްޔަރު ކުރެވުނު ބޭފުޅުންވެސް މިނިވަން ކުރައްވައިފިއެވެ. އެއަށްފަހު އިސްލާހީ އެޖެންޑާއެއް އެކަށައަޅުއްވައި އެ އެޖެންޑާ ކުރިއަށް ނެރުއްވާން ފައްޓަވައިފިއެވެ. އިސްލާހީ މަސައްކަތުގެ ދުވެލި ހަލުވި ކުރުމަށްޓަކައި ގާސިމް އިބްރާހީމް ފަދަ ބޭފުޅުންގެ އެހީތެރިކަން ހޯއްދެވުމަށް ކެބިނެޓަށްވެސް ބަދަލުތަކެއް ގެންނަވައިފިއެވެ. ގާސިމް އިބްރާހީމަކީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާގެ ނަމޫނާ ވިސްނުންތެރިއެއް ކަމަށްވާތީ ގައުމުގެ އިގްތިސާދާއި އެމަނިކުފާނުގެ ވިސްނުންފުޅު ގުޅުވައިލުމުގެ ގޮތުން ފިނޭންސް މިނިސްޓަރުކަންވެސް ދެއްވައިފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަންވެސް ދެއްވައިފިއެވެ.

މައުމޫންގެ ނިންމެވުމުގެ ނަތީޖާ ވަރަށް ފޮންޏެވެ. އެހެނީ ގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅިއްޖެއެވެ. ދައުލަތުގެ ބަޖެޓު މައްޗަށް ޖެހިގެން ހިގައްޖެއެވެ. ދައުލަތަށް ފައިސާ ވެއްދޭނެ އިތުރު މަގުމަގު ފެނިގެން ހިގައްޖެއެވެ. ހުރިހާވެސް ޝުކުރެއް ހައްގުވަނީ އޮނަރަބަލް ގާސިމް އިބްރާހީމްގެ ދުރުވިސްނުންފުޅާއި އިގްތިސާދީ ދާއިރާގައި އެމަނިކުފާނުގެ ތޫނުފިލިކަމަށެވެ. މިއީ މުޅި ގައުމު ހެކިވާ ހަގީގަތެކެވެ.

ރާއްޖޭގެ ޑިމޮކްރަސީ މިއަދު އެއެއްޗެއްގެ މަތީގައި ބިނާކުރެވިފައިވާ ފެހި ގާނޫނުއަސާސީ ވުޖޫދަށް ގެނައުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ އޮންރަބަލް ގާސިމް އިބްރާހީމެވެ. ސިޔާސީ ވިސްނުމުގައި ގައުމު ބައިބައިވެ ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި މިގާނޫނު އަސާސީ ހަގީގަތަކަށް ހެދުނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އޮނަރަބަލް ގާސިމް އިބްރާހީމް ކުރެއްވި މަސައްކަތްޕުޅުންނެވެ. އެމަނިކުފާނު ނޫން އެހެން ބޭފުޅަކަށް މިކަން ކުރެވޭނެކަމާ މެދު ސުވާލުވެސް އުފެދެއެވެ. މިއީ ދިވެހި ރައްޔިތުން އެއްބަސްވާ ހަގީގަތެކެވެ.

އައު ގާނޫން އަސާސީއަކީ ދިވެހިރައްޔިތުންނަށް އޮނަރަބަލް ގާސިމް އިބްރާހީމް ގެނެސްދެއްވި ހަދިޔާއެކެވެ. އިނާމެކެވެ. މި ގާނޫނުއަސާސީގެ ފޮނިމީރުކަން ދިވެހިރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި އެންމެ ފޮނިގޮތުގައި ފޯރުކޮށްދެވޭނެ ފޯމިއުލާވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެއްވުމަށް އެމަނިކުފާނު ނިންމެވިއެވެ. ރައީސް މައުމޫން ޑީއާރްޕީގެ ނަމުގައި އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިގެން އައު ދައުރަކަށް ކުރިމަތިލެއްވުމާއެކުވެސް މައުމޫނުގެ އަރިހުގައި ނުހުންނަވައި ޖުމްހޫރީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ރައީސްކަމަށް ގާސިމް އިބްރާހީމް ކުރިމަތިލެއްވުމުގެ ސަބަބަކީ އެއީއެވެ. މިކަމުންވެސް ޔަގީންވެގެންދިޔައީ ގާސިމްގެ އިޚުލާސްތެރިކަން އޮތީ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ނޫންކަމާއި ގާސިމްގެ އިޚުލާސްތެރިކަން އޮތީ ދިވެހިރައްޔިތުންނަށް ކަމެވެ.

ކޮންމެ ގޮތެއް ހައްދަވައިފައިވެސް ގާސިމް ބޭނުންފުޅުވީ ދިވެހިގައުމަށް ފުރިހަމަ ޑިމޮކްރަސީއެއް ގެންނެވުމަށެވެ. އިސްލާހު ގެންނެވުމަށެވެ. އެހެންވީމާ 2008 ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެމަނިކުފާނު ހޮވިވަޑައިނުގަތުމުން މައުމޫނުގެ އަތްޕުޅުގައި ނުހިއްޕަވައި ގާސިމް ގުޅިވަޑައިގަތީ މުހައްމަދު ނަޝީދާއެވެ. އެވެސް ގައުމާއި ޑިމޮކްރަސީއަށްޓަކައި ނިންމެވި ނިންމެވުމެކެވެ. އެންދެރިމާގެއަށް ބެއްލެވިނަމަ ގާސިމް ހުންނެވީހީ މައުމޫނުގެ ފަހަތްޕުޅުގައެވެ.

ނަޝީދުގެ ދައުރުގައި ސަރުކާރުގެ ތެރޭގައި ހުންނަވާފައި ގާސިމް ނުކުމެވަޑައިގަތީ އެމަނިކުފާނު ހީފުޅުކުރެއްވި މަގަށް ސަރުކާރުގެ މިސްރާބު ނުހިފާތީއެވެ. ސަރުކާރުން އިސްތިއުފާ ދެއްވުމަށްފަހު އިދިކޮޅު ލީޑަރެއްގެ ގޮތުގައި އަނެއްކާވެސް އިސްލާހަށް ގޮވުމުގެ މަސައްކަތުގައި ގާސިމް ކުރީ ސަފަށް ނުކުންނަވައިފިއެވެ. އެޔާއި ގުޅިގެން އަނެއްކާވެސް ވިލާ ކުންފުންޏަށް ލޮޅުން އަރައިފިއެވެ. ގާސިމް ހައްޔަރުވެސްކޮށްފިއެވެ. ސަބަބު މަތީގައި ބަޔާން ކުރެވުނީއެވެ. ގާސިމްގެ ފަހަތްޕުޅުގައި ރައްޔިތުންގެ ވަރަށް ގިނަބަޔަކު ތިބީއެވެ. ރައްޔިތުން ރުހޭ އަދި ބަސްއަހާ ލީޑަރަކަށް ގާސިމްވެވަޑައިގަންނަވަނީއެވެ.

ދެން އައީ 2013 ވަނަ އަހަރުގެ އިންތިޚާބެވެ. ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސަވައިދެއްވުމުގެ އުންމީދުގައި އަނެއްކާވެސް ގާސިމް ކުރިމަތިލައްވައިފިއެވެ. މިފަހަރު ދެވަނަ ބުރަށް ހޮވިވަޑައިނުގަތުމާއި ގުޅިގެން ގާސިމް ނިންމެވީ އެއްވެސް ކެންޑިޑޭޓަކާއި ގުޅިވަޑައިނުގެން ހިމޭނުން ހުންނެވުމަށެވެ. ވަކިއަތަކަށް ޖެހިވަޑައިނުގެން ހުންނެވުމަށެވެ. އެހެންނަމަވެސް ގައުމުގެ ވަރަށް ގިނަބަޔަކު އެމަނިކުފާނާއި ބައްދަލުކޮށް މިވެނި ގޮތެއް ޚިޔާރުކުރައްވާށޭ ދަންނަވައި އާދޭސްކުރީމާ ހަފުތާއެއްހާ ދުވަސްފަހުން ގާސިމް ގޮތެއް ނިންމަވައިފިއެވެ. ގާސިމް އިބްރާހީމްގެ ބުރަ މަސައްކަތާއެކު ރިޔާސީ ރޭހުގައި އަބްދުﷲ ޔާމީނަށް ކުރި ލިބިވަޑައިގެންފިއެވެ.

ވީއުފާފުޅެއްގެ ބޮޑުކަމުން ޔާމީނު ވިދާޅުވީ ކުރީގެ ދައުރުގައި ގާސިމާއި އެމަނިކުފާނުގެ ވިލާ ކުންފުންޏަށް ކުރިމަތިލާންޖެހުނު ދެރަގޮތްތައް ހަމަހިލާ ޔާމީނުގެ ދައުރުގައި ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ގާސިމާއި ވިލާގެ މުވައްޒަފުން އަދި ޖުމްލަގޮތެއްގައި އެންމެހައި ދިވެހީންނަށް ދެއްވާ ކަމުގައެވެ.

ރައީސް ޔާމީނު ވެރިކަމަށް ގެންނަން ގާސިމް މަސައްކަތްކުރެއްވީ ގައުމަށް އިޚުލާސްތެރިވާނޭކަމަށް ހީކުރައްވައިފައެވެ. އެއީ ކުށްހީއެއްކަން ޔަގީންވެވަޑައިގަތީމާ ތިޔަ ހައްދަވަނީ ގޯހެކޭ ގާސިމް ވިދާޅުވެއްޖެއެވެ. އެހިސާބުން އެއްކައުވަންތަ އިލާހު ގަންދީ ހުވައިކޮށް ހެދިފައިވާ އެއްބަސްވުންތައް ސަރުކާރުން އިރާލައިފިއެވެ. ގާސިމް އިބްރާހީމަށް ދަތިކުރަން ފަށައިފިއެވެ. އެމަނިކުފާނުގެ ބާރަކީ އެމަނިކުފާނުގެ ވިޔަފާރިކަމަށް ފެންނާތީ އެވިޔަފާރި ފުނޑައިލުމަށް މަސައްކަތް ފަށައިފިއެވެ. ވުޖޫދުގައިވެސް ނުވާ މައްސަލަތަކެއް ފެންމަތިކޮށް ވިލާގެ އެކައުންޓުތައް ފްރީޒްކޮށް ވިލާ ކުންފުނި ގުޑުވާލައިފިއެވެ. ގާސިމް އިބްރާހިމް ހައްޔަރުކޮށް ޕާސްޕޯޓުވެސް ހިފަހައްޓައިފިއެވެ. ސަރިޔަތަށްވެސް ފޮނުވައިފިއެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ.

ދައުލަތަށް އާމްދަނީ ވެއްދުމުގެ ވަސީލަތަކަށް ޓެކުހުގެ ނިޒާމު ހެއްދެވުމުގެ އެއްމޭސްތިރިޔަކީ ގާސިމެވެ. ބަރާބަރަށް ޓެކްސް ދައްކަވާ އެކަމުގެ ނަމޫނާ ދައްކަވާ ބޭފުޅަކީ ގާސިމެވެ. މިކަން ފާހަގަކޮށް މީރާއިން އެމަނިކުފާނަށް ރަންލާރީގެ އެވޯޑުވެސް ވަނީ އަރުވައިފައެވެ. ދިވެހި ސަރތުކާރުން އެމަނިކުފާނަށް ޝަރަފުވެރިކަމުގެ އެންމެ މަތީ ލަގަބުވެސް ވަނީ އަރުވާފައެވެ. އެކަމަކު ރައީސް ޔާމީނުގެ ސަރުކާރުން ކުރާ ކަންކަމަކީ ޑިމޮކްރަސީއާ ފުށުއަރާ ނުރައްކާތެރިކަންތައް ކަމުގައި އެމަނިކުފާނު ވިދާޅުވާން ފެއްޓެވި ހިސާބުން ގާސިމް އިބްރާހީމްގެ މުޅި ދުނިޔެ ގަންބައިލުމަށް ސަރުކާރުން ވަނީ ފޫގަޅައިފައެވެ.

ކުނޫޒުގައި ޖަލްސާ ބާއްވައިގެން ގުޅިފައިވާ ޕާޓީތަކުން އެކިޔަނީ އަނިޔާވެރި ނުވާށޭއެވެ. ގާނޫނުއަސާސީ ހިމާޔަތްކުރާށޭއެވެ. ޓެކުހަށް ފިލާ ވާހަކައާއި މީރާ އުވައިލާވާހަކައެއް އެކަކުވެސް އެތާގައި ނުދައްކައެވެ. ދައްކާ ވާހަކައެއް ދައްކަނީ ހުޅުވާލައިގެން މުޅި ގައުމަށް އިވޭ ގޮތަށެވެ. އެހެންވީމާ ހިހޫތަނުން ކާން އާދަވެފައިތިވޭ ފިނޑިބަޔަކު ބަޔަކު މިހަގީގަތް އޮޅުވާލައި ގާސިމް އިބްރާހީމުގެ ޝަޚުސަށް އަޅިބުރުވަން އުޅުނަސް އެކަމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ. ރައްޔިތުން ތިބީ އެރައްޔިތުންނަށްޓަކައި ތާއަބަދު ގާސިމް އިބްރާހީމް ވެވަޑައިގަންނަވަމުން ގެންދަވާ ގުރުބާނީއަށްޓަކައި ޝުކުރުއަދާކުރުންމަތީގައެވެ. އެކަން ރައްޔިތުން ދައްކާނީ ކުރިއަށްއޮތް އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައެވެ. އެއީ ކަށަވަރުކަމެކެވެ.