Last Updated: June 11, 13:58
Thursday, June 11, 2026
މުނިފޫހިފިލުވުން

ރަޖްނީކާންތުގެ "ކޮޗަދައިޔާން" ޖުލައިގައި

މި އަހަރު ރިލީޒްވާން ހުރި ފިލްމްތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ރަޖްނީކާންތުގެ "ކޮޗަދައިޔާން" މި އަހަރުގެ ޖުލައި މަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އެހެން ނަމަވެސް ފިލްމް ރިލީޒް ކުރާނެ ސީދާ ތާރީހެއް އަދި ނިންމާފައެއް ނުވެ އެވެ. މިއީ 2010 ވަނަ އަހަރު ރިލީޒްވި ރަޖްނީކާންތުގެ ހިޓް ފިލްމް "ރޮބަޓް" އަށް ފަހު، ސްކްރީނަށް އަންނަ އޭނާގެ ފުރަތަމަ ފިލްމެވެ. އެ ފިލްމްގައި ރަޖްނީ އާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ގޮސްފައި ވަނީ އައިޝްވާރިއާ ރާއީ އެވެ.

އެހެން ނަމަވެސް ރަޖްނީގެ އަންހެން ދަރިފުޅު ސައުންދަރިއާ ރަޖްނީކާންތު ޑައިރެކްޓް ކުރާ "ކޮޗަދައިޔާން" ގެ ބަތަލާއަކީ ބޮލީވުޑްގެ ޒުވާން ބަތަލާ ދީޕިކާ ޕަދްކޯން އެވެ. ހިންދީ އާއި ތަމަޅައިގެ އިތުރުން އިނގިރޭސި ބަހުން ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމްގެ އިތުރު ރޯލްތަކުން ޖެކީ ޝްރޮފްގެ އިތުރުން ތަމަޅަ އެކްޓަރުން ފެނިގެން ދާނެ އެވެ.

މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކާއި ގިނަ އަދަދެއްގެ ސްޕެޝަލް އިފެކްޓްސް ވެސް ފެނިގެން ދާނެ ފިލްމެކެވެ. އަދި މި ފިލްމްގައި ރަޖްނީކާންތު ފެނިގެން ދާނީ އޭނާ މީގެ ކުރިން ނުފެންނަ ކަހަލަ ކެރެކްޓާއަކުންނެވެ.

ސަތޭކަ ފަންސަވީސް ކްރޯޑް ރުޕީސް (22.75 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން އުފައްދާފައިވާ އެކްޝަން/އެޑްވެންޗާ "ކޮޗަދައިޔާން" އަށް މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޮސްކާ ހާސިލްކޮށްފައިވާ އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާނެވެ.