ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު އަރީފްގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން ކުރީގެ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަދު ޝަމީމް ވަނީ ޑރ. އަފްރާޝީމް އަދި ރިޟްވާނުގެ މައްސަލަވެސް އަލުން ބަލަން ފަށާފައިވާކަން ހާމަކޮށްފައެވެ.
ޝަމީމް ވިދާޅުވެފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު އަރީފް އިސް ނަންގަވައި ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން މި ދެމައްސަލައިގެ ތަހުގީގަށް ޚާއްސަ ޓާސްކު ފޯހެއްވެސް ވަނީ ހަދާފައެވެ.
މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ނަމުގައި އުފައްދާފައިވާ ޓާސްކް ފޯހުން ޑރ. އަފްރާޝީމާއި ރިޟްވާނުގެ މައްސަލަ ބަލަމުންދާކަމުގެ ޔަގީންކަން ޝަމީމް އަރުވާފައިވާއިރު ޔާމީންގެ އަނިޔާވެރި މަރުގެ މައްސަލަވެސް ކާމިޔާބުކަމާއެކު ތަހުގީގުކޮށް މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކޮށްފައިވަނީވެސް މިޓާސުކް ފޯހުންކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.
މި ޓާސްކް ފޯހުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވި ފުލުހުންނާއި މިފަދަ ކުށްތައް ބަލައި ތަހުގީގު ކުރުމުގެ ތަމްރީނާއި ޤާބިލިއްޔަތު ހުރި ފުލުހުން ހިމެނޭ ކަމަށް ޝަމީމް މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ބްލޮގަރ ޔާމީން މަރާލާފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ ބަޔެއް ކަމަށެވެ. އަދި ޔާމީންގެ މަރާއި ނޫސްވެރިޔާ ރިޟްވާނު ގެއްލުމާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.