ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަތްލުމުގެ ކުށުގެ ދައުވާގެ ހުކުމް ކުރުމުގެ ޝަރީއަތް މިއަދު މެމްނދު 2 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
ފިޔާޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ، މުލިއާގެ ކައިރިން ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދަނިކޮށް، އެ ސަރަހައްދުން ފިޔާޒު ނުގޮސް، ފުލުހެއްގެ މޭ މަތީގައި ޖަހާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފިޔާޒުގެ މައްޗަށް ފުރަތަމަ ކުރީ ޖެހުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް ފަހުން އެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު، އަތްލުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފަ އެވެ.
ފިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި ގުޅިގެން ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޔާޒުގެ މައްޗަށް އުފުލާފައިވަނީ އަސްލެއް ނެތް ދައުވާއެއްކަމަށެވެ.
ފިޔާޒުގެ މައްސަލާގައި ދައުލަތުން ވަނީ ތިން ހެކިންގެ ހެކިބަސް ދީފައެވެ.
ފިޔާޒުގެ މައްޗަށް އުފުލާފައިވާ އަތްލުމުގެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބީ ތިން މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ފިޔާޒަކީ 17 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ނޫސްވެރިކަމުގައި ހަރަކާތްތެރިވެފައިވާ ނޫސްވެރިއެކެވެ. ފިޔާޒު ދަންނަ ގިނަ ފަރާތްތަކުން ދަނީ ފިޔާޒު އެފަދަ ފިނޑި އަމަލެއް ނުކުރާނެކަމަށް ބުނަމުންނެވެ.