Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

"މޭޖާ ކްރައިމް ޓާސްކް ފޯސް ދުވާނީ ސިޔާސީ މީހުން ފަހަތުން ދުވުން"

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ އިސް ނެންގެވުމުގެ މަތިން އުފައްދާފައިވާ މޭޖާ ކްރައިމް މެނޭޖްމެންޓް ސެންޓާގެ ބޭނުމަކީ ރައީސް ޔާމީނުގެ އޯޑަރަށް 2018 އަށް ސިޔާސީ މީހުން ފަހަތުން ދުވުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ފުލުހުންނަށް މަހޭގެ ފާޑުވިދާޅުވުންތައް އަމާޒުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ބައިތިއްބައިގެން ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތަހުގީގު ކުރިއަށްދާ ދަނޑިވަޅެއްގައި މިއަދު އޭނާ ކުރެއްވި ޓުވީޓަކުންނެވެ.

އިއްޔެ ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ނޫސްވެރިންނާ ބައްދަލުކޮށް މިދިޔަ އެޕްރީލް މަހު މަރާލި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ ގޮތާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ސީޕީގެ އިސްނެންގެވުމުގެ މަތިން އުފެއްދެވި ޓާސްކު ފޯހުން ވަނީ ކާމިޔާބު ކަމާއެކު ޔާމީންގެ މަރުގެ މައްސަލަ ތަހުގީގުކޮށް ނިންމާލާފައި ކަމަށެވެ.

އަދި މީގެ ކުރިން ހިނގައިދިޔަ މިފަދަ ބޮޑެތި ކުށްތަކުގެ މައްސަލަވެސް އަލުން ބަލަން ފަށާފައިވާ ކަމަށް އެސްޕީ ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ރިޟްވާން ގެއްލުވާލި މައްސަލަ ހިމެނޭކަމަށް އޭނާ ވިދާޅުވެފައިވެއެވެ.