ފުލުހުން ޑިއުޓީގައި އުޅޭއިރު ބަހާއި އަމަލުގެ ގޮތުން ފުލުހުންގެ އަބުރަށް އަރައިގަންނަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު ސޮއި ކުރައްވައި ބަޔާނެއް ނެރެފިއެވެ.
މިމަހުގެ 6 ވަނަ ދުވަހު ސީޕީ ސޮއި ކުރައްވައި ނެރުނު މި ބަޔާނުގައި ބުނެފައިވަނީ އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަބުރާ ބެހުމުގެ ބަހެއް ނުވަތަ އަމަލެއްވެސް ފުލުހަކަށް އަމާޒުވެ،އެފުލުހަކު އެމައްސަލަ ބަލައިދިނުމަށް އެދެފިނަމަ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި ފުލުހަކާމެދު އާންމު މީހަކު އަމަލު ބަހައްޓާ ގޮތުގެ ސަބަބުން ފުލުހަކަށް ގެއްލުމެއް ލިބިއްޖެނަމަ އެ ފުލުސް މީހާ އަމިއްލަ ހައިސިއްޔަތުން މަދަނީ ބަދަލު ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށައަޅައިފިނަމަ ފުލުހުންގެ އިދާރާއިން ފުލުސް މީހާއަށް ދެވެން އޮތް ހުރިހާ އެހީއެއް ގާނޫނީ އިމުގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ފޮޓޯއާއި ނަމާއި އެޑްރެސްފަދަ ޒާތީ މައުލޫމާތު ސޯޝަލް މީޑިޔާގައި ހިއްސާކުރާނަމަވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން އަންގާފައެވެ.
ނަމަވެސް އާންމު ރައްޔިތުން ވަނީ ސުލްހަވެރި މުޒާހަރާތަކުގައި އާންމުނާ ކުރިމަތިލައި، ހަޑިހުތުރު ބަހުން ވާހަކަ ދައްކާކަމަށްބުނެ ބައެއް ފުލުހުންގެ ފޮޓޯއާއި މައުލޫމާތު ސޯޝަލް މީޑިޔާގައި އާންމު ކުރަމުންނެވެ. ރައްޔިތުން ބުނާ ގޮތުގައި ފުލުހުން އަނިޔާކުރިޔަސް އެމައްސަލަ ބަލާނެ ބައެއް ފުލުހުންގެ އިދާރާގައި ނެތް ކަމަށެވެ.