Last Updated: May 10, 14:03
Friday, May 10, 2024
ޚަބަރު

އެމެރިކާ އާއި އުތުރު ކޮރެޔާއިން ހަނގުރާމައެއް ފަށައިފާނެހެއްޔެވެ؟

އެމެރިކާ އާއި އުތުރު ކޮރެޔާގެ ބަހުގެ ހަމަލާތައް އަނެއްކާވެސް ވަނީ ނުރައްކާތެރި ހިސާބަކަށް އުފުލިފައެވެ. ދެފަރާތުގެ އެންމެފަހުގެ އިންޒާރުތަކާއި ގުޅިގެން ނިއުކުލިއަރ ކުރިމަތިލުމެއް ފެށުމުގެ ބިރު ބައެއް މީހުން ވަނީ ފާޅުކުރަން ފަށާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވިދާޅުވިއެވެ. އެމެރިކާއަށް ހަމަލަ ދޭނަމޭ ކިޔައިގެން އުތުރު ކޮރެޔާއިން ދެން އެންމެ ފަހަރަކު އިންޒާރު ދިނަސް ކުޅިވަރު ދައްކައިލާނަމެވެ. އިންސާނުން މީގެ ކުރިން ތަޖުރިބާނުކުރާވަރުގެ ވޭންދެނެވި ހަލާކަކުން އުތުރު ކޮރެޔާގެ ކަންތައް ނިންމައިލާނަމެވެ. ޓްރަމްޕު މިހެން ވިދާޅުވިތާ އިރުކޮޅެއް ނުވަނީސް އުތުރު ކޮރެޔާއިން ވަނީ އޭނާއަށް ރައްދު ދީފައެވެ. އުތުރު ކޮރެޔާއިން ބުނެފައިވަނީ ޕެސިފިކް ކަނޑުގައިވާ އެމެރިކާގެ ރަށެއް ކަމުގައިވާ ގުއާމަށް މިސައިލް ހަމަލައެއް ދިނުމަށް ރާވަމުންދާ ކަމަށާއި އެކަމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ދެން ފެށޭނީ ހަނގުރާމަ ހެއްޔެވެ. އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގައި ހަނގުރާމައެއް ނުފެށޭނެއެވެ. ނިއުކުލިއަރ ހަތިޔާރުގައި އަތެއް ނުލާނެއެވެ. ދުނިޔޭގެ ޗާޓުން އުތުރު ކޮރެޔާ ފޮހެލާނަމޭ ވިދާޅުވެ ޓްރަމްޕު ދެއްވި އިންޒާރަކީ ފަހަރުގައި އެމެރިކާގެ ކެތްތެރިކަން ކޮޅުންލައިފިކަމުގެ ސިގުނަލް ޗައިނާ އާއި ރަޝިޔާއަށް ދިނުމުގެ އިންޒާރެކެވެ. މިދެގައުމު ގުޅިގެން އުތުރު ކޮރެޔާ މައިތިރި ކުރުމަށް މަޖުބޫރުކުރަނީއެވެ. އަނެއް ވިސްނުމަކުން މިއީ ޓްރަމްޕުގެ ތޮބީއަތާއި މިޒާޖު އަނެއްކާވެސް ފާޅުވުމެކެވެ. ކޮންމެހެން ކަމެއްކުރާން އުޅެނީއެއް ނޫނެވެ. ބޮޑު ވާހަކައެއް ބުނެލީއެވެ. ބޮޑަށް ގާތީ ފަހުން މިބުނި ގޮތެވެ.

ނިއުކުލިއަރ ހަތިޔާރު ބޭނުންކޮށްގެން އެމެރިކާއަށް އިސްވެ ހަމަލައެއް ދިނުމަކީ އުތުރު ކޮރެޔާއިން ކުރާނެ ކަމެއް ނޫނެވެ. ކުރާން ކެރޭނެ ކަމެއްވެސް ނޫނެވެ. ސަބަބު ވަރަށް ސާފެވެ. އެފަދަ ހަމަލައެއް ދީފިއްޔާ އޭގެ ނަތީޖާ ވަރަށް ހިތިވާނޭކަމާއި ގަޑިއެއްހާއިރު ތެރޭގައި އުތުރުކޮރެޔާއޭ ކިޔުނު ގައުމު ވުޖޫދުންވެސް ފޮހެވިގެން ހިނގައިދާނޭކަން އުތުރުކޮރެޔާއަށް ޔަގީންވާނެއެވެ. އުތުރު ކޮރެޔާގެ ޒައާމަތަކީ މީހުން ހީކުރާކަހަލަ މޮޔަ ޒައާމަތެއް ނޫނެވެ. އެވެރީން ނިއުކުލިއަރ ހަތިޔާރު އުފައްދަން އެވަރަށް ހިފާފައި އެތިބީ އެހެން ބަޔަކަށް ހަމަލަދޭކަށެއް ނޫނެވެ. އެކަން އެކުރަނީ ދިފާއަށެވެ.

އެމެރިކާއިން އިރާގުގެ ސައްދާމު ހުސައިނާއި ލީބިޔާގެ މުއައްމަރުލް ގައްޒާފީއަށް ހަދައިލި ގޮތް އުތުރުކޮރެޔާއަށް އެނގެއެވެ. ގައުމުތައް ފަނާކޮށް އަތްދަށުލާން ބޭނުންކުރާ އުކުޅުތައް އެނގެއެވެ. އެހެންވީމާ މިޒާތުގެ ކަމެއް އުތުރުކޮރެޔާގައި އެމެރިކާއަށް ނުހިންގޭނެކަމުގެ ޔަގީންކަން ގުޅިފައި އޮތީ ނިއުކުލިއަރ ހަތިޔާރާއެވެ. އެތަކެތި އުފައްދައި ތަޖުރިބާކޮށް ގުދަންކުރުމުގައި އެވަރަށް އަވަދިނެތި އުޅެނީ އެހެންވެގެންނެވެ. މުޅި ގޭމް ގުޅިފައި އޮތީ މިސަބަބާއެވެ. އެމެރިކާގެ ގުއާމަށް ހަމަލަދޭން އެބަރާވަމޭ މިހާރު މިދަނީ ތައްޔާރުވަމުންނޭ ބުނެ އެދިން އިންޒާރަކީ އެއްވެސް ބުރަދަނެއް ހުރި އިންޒާރެއް ނޫނެވެ.

ވަކި އަމާޒަކަށް ވާސިލްވެވެންދެން އުތުރު ކޮރެޔާއިން ނިއުކުލިއަރ ޓެސްޓުތައް ކުރާނެއެވެ. މިސައިލްތައްވެސް ޓެސްޓު ކުރާނެއެވެ. އެމީހުން މިކަން ހުއްޓައެއް ނުލާނެއެވެ. ހުއްޓައިލާނީ މިސައިލުގައި ފަސޭހަކަމާއެކު ހަރުކޮށްލެވޭވަރުގެ ކުޑަ އެއްޗަކަށް ނިއުކުލިއަރބޯ ހެދުމުގެ ހުނަރާއި ތަޖުރިބާ ލިބުނު އިރަކުންނެވެ. އަދި އަމާޒަށް ވާސިލްވުމުގެ ކުރީން ޖައްވުގެ ތެރޭގައި އެއްވެސް މައްސަލައެއް ނުޖެހޭވަރަށް މިސައިލް ޓެކްނޮލޮޖީވެސް ފުރިހަމަ ކުރެވުނު އިރަކުންނެވެ. އެހިސާބަކަށް އަދި ނުދެއެވެ. އެކަމަކު އެދުވަސް އޮތީ މާދުރަކު ނޫނެވެ. ގިނަވެގެން ދެތިން އަހަރެވެ. އެހިސާބަށް ދެވުނީމާ ދެން ކޮންމެހެން އިތުރު ޓެސްޓުތަކެއްކޮށް ބިރުދެއްކުމުގެ ބޭނުމެއްވެސް ނޯންނާނެއެވެ. އެހިސާބަށް ދެވެންދެން އެމެރިކާއިން ދޭ ކޮންމެ އިންޒާރަކަށް އެއަށްވުރެ ހަރުކަށި އިންޒާރެއް އުތުރު ކޮރެޔާއިންވެސް ދޭނެއެވެ. މި އިންޒާރުތައް ވާނީ ޖަމަލު ފޮޑިއަށެވެ.

ހަނގުރާމައެއްގެ ބިރު ބޮޑުވެއްޖެކަމަށް ބައެއް މީހުން ހީކުރާ ސަބަބަކީ މީގެ ކުރީން އެމެރިކާއިން ނުދައްކާ ޒާތުގެ ވާހަކަ މިހާރު ދައްކާން ފެށުމެވެ. އެމެރިކާގެ ރައީސްކަމުގައި އެހުންނެވީ މީގެކުރިން ދުވަހަކުވެސް އެމެރިކާއިން ފެނިފައިވާ ކަހަލަ ރައީސެއް ނޫނެވެ. އެހެންވީމާ އެރައީސް ދައްކަވާނީވެސް ކުރީގެ ރައީސުން ނުދައްކަވާ ކަހަލަ ވާހަކަތަކެވެ. އެމެރިކާގެ ނިއުކުލިއަރ ހަތިޔާރާއި ގުޅުން ހުރި ކޯޑުފޮށި ރައީސް ޓްރަމްޕުގެ އަތުގައި އޮތަސް އޭނާއަކަށް ހަމައެހެން ހުންނަވާފައި ހަމަލަދޭކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. ރައީސް އަދި ކޮންމެ އެއްޗެއް ވިދާޅުވިޔަސް ވަރުގަދަ ރޭވުމަކާއި ވިސްނުމެއްގެ ތެރެއިން ނޫނީ އުތުރުކޮރެޔާއަށް އަމާޒުކޮށްފައި ނިއުކުލިއަރ ހަތިޔާރެއް އުދުއްސައިލާކަށް ސިފައިންގެ ޖެނެރަލުންވެސް އެއްބަހެއް ނުވާނެއެވެ. މިއީ ކުޅޭ ކުޅިވަރަކަށްވުރެ ސީރިއަސް ކަމެކެވެ.

އިއްޔެ މިފެށުނު އިންޒާރުގެ އާ ސިލްސިލާގެ ތެރެއިން ފައިދާވެދާނެ ކަމެއް އެބައޮތެވެ. އުތުރު ކޮރެޔާއިން ރައީސް ޓްރަމްޕަށް މަލާމާތްކުރުމާއި ރުޅިއެރުވުމުގެ އިތުރު ހަރަކާތްތަކެއް ހިންގައިފާނެއެވެ. ރައްދުގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކާއި އިތުރު އެތަކެއް އުޅަނދު ކެރެޔާ ޕެނިންސޫލާއާ ދިމާލަށް ދިއުމަށް ޓްރަމްޕު އަންގަވައިފާނެއެވެ. މިއަށްވުރެ ބޮޑުކަމެއް ވެދާނެޔެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ.