Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ފާރިސްގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚުސު އޮޅުވާލުމުގެ ދައުވާގެ މިއަދަށް ތާވަލުކުރި އަޑުއެހުން އަންނަ ހަފުތާއަށް ފަސްކޮށްފިއެވެ.

މިއަދުގެ އަޑުއެހުން ކޯޓުން ފަސްކޮށްފައިވަނީ ފާރިސްގެ ފަރާތުން ހުށައެޅި ކަންތައްތަކަށް ޖަވާބު ދިނުމަށް ދައުލަތަށް ތައްޔާރުވުމަށެވެ. ފާރިސްގެ މައްޗަށް ދައުލަތުން ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ ޕީޕީއެމްގެ ހުއްދަ ނެތި ޕާޓީގެ ދިދައާއި ލޯގޯ ބޭނުންކުރި ކަމަށް ބުނެއެވެ.

ދައުވާ ސާބިތުވެއްޖެނަމަ ފާރިސްގެ މައްޗަށް 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ފާރިސްގެ ވަކީލުންނާއި ސަޕޯޓަރުން ބުނާ ގޮތުގައި ދައުވާއަކީ އަސްލެއް ނެތް ދައުވާއެއް ކަމަށާއި ދައުލަތުގެ އަމާޒަކީ ފާރިސްގެ ހިތްވަރު ބަލިކޮށްލުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ މިދިޔަ މަހު ފާރިސް ހައްޔަރުކޮށްފައިވާއިރު ކްރިމިނަލް ކޯޓުން ވަނީ އެމައްސަލައިގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ.