Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޕީޕީއެމް ޖަގަހަ ހަދަން ބިން ހޯދީ ކަރަޕްޝަނުން ނޫން: އަދުރޭ

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އަބްދުއް ރަހީމް އަބްދުﷲ. ފޮޓޯ: އަވަސް

މާލޭހިޔާ ފްލެޓްކައިރީގައި ޕީޕީއެމްއިން ހަދާ ދެބުރި ޖަގަހައަކީ ކަރަޕްޝަންގެ އެއްވެސް ކަމެއް ހިމެނޭ ތަނެއް ނޫންކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ އަދި ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްއިން އެބިން ޖަގަހަ ހެދުމަށް ކުއްޔަށް ނަގާފައިވަނީ އެބިން ހައުސިން މިނިސްޓްރީން ބިޑްކޮށްގެން ނެގި މީހާ އަތުން އެގްރިމެންޓެއްގެ ދަށުންނެވެ. ނަމަވެސް އެއީ ކާކުކަން އަދުރޭ ހާމަކޮށްފައި ނުވެއެވެ.

އަދުރޭ ވިދާޅުވީ ތިން ފަހަރެއްގެ މަތިން އެބިން ކުއްޔަށް ދޫކުރުމަށް ހައުސިން މިނިސްޓްރީން ބިޑަށް ހުޅުވާލިކަމަށެވެ. އެގޮތުން ބިން ނެގި ފަރާތާއި އެކު އެއްބަސްވުމެއްގެ ދަށުން އެތަނުގައި ޖަގަހަ ހަދަމުން އަންނަ ކަމަށެވެ.

ޖަގަހަ ހެދުމަށް ސަރުކާރުގެ ބިން ބޭނުން ކުރުމަކީ އާކަމެއް ނޫންކަމަށާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޑީއާރްޕީ ހިންގެވި އިރާއި ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގުމަށް ދައުލަތުގެ ބިން ބޭނުން ކުރައްވާފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އޭރު އެބިންތައް ސަރުކާރުން ނަންގަވާފައިވަނީ ރަނގަޅަށް ކަމަށް ގަބޫލް ކުރައްވާކަމަށް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް މާލޭގައި ގިނަ ޖަގަހަތަކެއް ހަދަމުން އަންނަ އިރު ވެސްޓްޕާކް ހުރި ބިމުގައި ހަތަރު ބުރި ޖަގަހައެއް ހެދުމަށް ވަނީ ނިންމާފައެވެ.

އެޕާޓީން ވަނީ ރާއްޖޭގެ 25 ރަށެއްގައި "ތަރައްޤީ އާއި އެކީ ރައްޔިތުން" ނަމުގައި ހަރަކާތްތަކެއް ހިންގަން ނިންމާފައެވެ.