ދުނިޔޭގެ އެންމެ ފޯރިގަދަ ފުޓުބޯޅަ ލީގު، އިނގިރޭސި ޕްރިމިއާ ލީގުގެ މިސީޒަނުގެ ފުރަތަމަ މެޗުގައި މިރޭ އާސެނަލްއާއި ލެސްޓާ ބައްދަލުކުރާއިރު ގިނަ ބަޔަކު ތިބީ އާސީޒަނަށް ކެތް މަދުވެފައެވެ.
ފާއިތުވެދިޔަ ދެ މަސް ދުވަހުގައި ފުޓުބޯޅައިގެ ފޯރި ފަނޑުވެފައިވަނިކޮށް އަނެއްކާވެސް އެފޯރި ސިޓިންގްރޫމް ތަކާއި ރެސްޓޯރެންޓު ކެފޭތަކަށް އައިސްފައިވާއިރު ގިނަ ބަޔެއްގެ ހިތުގައި އުފެދެމުންދާ ސުވާލަކީ މިފަހަރު ލީގު ކާމިޔާބުކުރާނީ ކޮން ބަޔެއްތޯއެވެ.
އާދައިގެ މަތިން މި ފަހަރުގެ ޓްރާންސްފާ ވިންޑޯގައިވެސް މެންޗެސްޓާ ދެ ޓީމު، ޔުނައިޓެޑާއި ސިޓީން ވަނީ ކުޅުންތެރިން ގަނެ ސްކޮޑު ވަރުގަދަ ކޮށްފައެވެ. މިދިޔަ ސީޒަނުގައިވެސް ދެ ޓީމުން އަގުބޮޑު ކުޅުންތެރިން ގެނެސް ތަށި ހޯދުމުގެ ފޮނި އަޒުމުގައި ސީޒަން ފެށި ނަމަވެސް ފުރަތަމަ ދަންފަޅި ނުނިމެނީސް ދެޓީމުވެސް ވަނީ ފަނޑުވާން ފަށާފައެވެ.
ސީޒަން ކާމިޔާބުކުރި އިޓަލީ ކޯޗު ކޮންޓޭއަށް މިދިޔަ ސީޒަނުގައިވެސް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. ސީޒަން ފެށުނުއިރު އޭނާއަށް ލީގު ކާމިޔާބުކުރެވިދާނެ ކަމަށް ޚުދު ޗެލްސީ ސަޕޯޓަރުންގެ ތެރެއިންވެސް އުއްމީދު ކޮށްގެން ތިބީ މަދު ބަޔެކެވެ. ނަމަވެސް ކޮންޓޭ ވަނީ އޭނާގެ ޓީމު ވަރުގަދަކޮށް ކުރިމަތިވި ހުރިހާ ގޮންޖެހުންތައް ފަހަނަޅައި ލީގު ނަގައި ފާޑުކިޔުންތެރިންނަށް ރައްދުދީފައެވެ.
މިސީޒަންވެސް ފެށެން ކައިރިވެފައިވާއިރު ގިނަ ބަޔަކު ވަނީ މިފަހަރު ކޮންޓޭއަށް ޗެމްޕިއަންސް ލީގުގައި ކުޅެމުން ތަށި ދިފާއުކުރުމުގެ ފުރުސަތު ކުޑަ ވެފައިވާކަމަށް ބުނެފައެވެ. އާ ފޯވާޑެއް ގަނެ، އޭނާއަށް މުޅިން ބަރޯސާ ވާން ޖެހުމަކީ ކޮންޓޭއަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.
ފާއިތުވެދިޔަ 20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ފުޓުބޯޅައިން ބާކީވެފައިވާ އާސެނަލްއަށް މިސީޒަންވެސް ކާމިޔާބު ސީޒަނަކަށް ވާނެ ކަމަށް ގަބޫލުކުރަނީ ހަމައެކަނި އާސެނަލް ސަޕޯޓަރުންނެވެ. އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ ބަލިކޮށް ސީޒަން ނިންމާލައި، ސީޒަން ފަށަމުން ކޮމިއުނިޓީ ޝީލްޑްވެސް ޗެލްސީ ބަލިކޮށް ނެގުމުން ބައެއް ސަޕޯޓަރުންނަށް ވަނީ އާ ސީޒަނަށް އާ ޖޯޝެއް ލިބިފައެވެ. ނަމަވެސް ފުޓުބޯޅައިގެ މާހިރުން ދެކޭ ގޮތުގައި ވެންގާއަށް މި ފެށޭ ސީޒަނުގައިވެސް ދަތިތަކާއި ކުރިމަތިލާން ޖެހޭނެއެވެ.
ފާއިތުވެދިޔަ 25 އަހަރުގައި ކޮންމެ ސީޒަނެއް ފެށޭއިރު ލީގު ނަގާނެ ކަމުގެ ހުވަފެން ދެކެމުން އަންނަ ލިވަޕޫލް ސަޕޯޓަރުން މިފަހަރުވެސް ހަމަ އެއަޒުމުގައެވެ. ލިވަޕޫލްއަށް އިރުޝާދު ދެމުން އަންނަ ޖަރުމަނު ކޯޗު ޔާގަން ކްލޮޕް ވަނީ ކޫޓީނިއޯ ބާސާއަށް މިސީޒަނުގައި ނުވިއްކާނެ ކަން އަންގާފައެވެ. ލިވަޕޫލް ސަޕޯޓަރުންގެ ހުރިހާވެސް އުއްމީދަކީ ކޫޓީނިއޯއެވެ. އެމީހުން ބުނަނީ ކޫޓިނިއޯ މަޑުކޮށްފިނަމަ ލީގު ނަގާނެ ކަމަށެވެ.
ފާއިތުވެދިޔަ ދެސީޒަނުގައިވެސް ލީގުގައި ހަރު ޓީމެއްގެ ގޮތުގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް މިސީޒަނުގައިވެސް ތަށްޓަށް ވާދަކުރާނެ ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ޑިފެންޑަރު ކައިލް ވޯކާ ސިޓީއަށް ވިއްކާލުމަށްފަހު ޑެނީ ރޯސްވެސް ކުލަބު ދޫކޮށް ދާން ބޭނުންވެފައިވާކަން އެންގުމުން ސަޕޯޓަރުން ތިބީ އަންނަ ސީޒަނަކީވެސް ފާއިތުވެދިޔަ ދެ ސީޒަން ފަދަ ހިތްދަތި ސީޒަނަކަށް ނުވާނެ ކަމަށް ދުއާ ކޮށްކޮށެވެ.
ކޮންމެއަކަސް މިދިޔަ ސީޒަނުގެ ޗެމްޕިއަން ކޯޗު އެންޓޯނިއޯ ކޮންޓޭ ދެކޭގޮތުގައި މިފެށޭ ސީޒަނަކީ ފަހުގެ ތާރީޚުގައި ލީގު އެންމެ އުނދަގޫ ވާނެ ސީޒަން ކަމަށެވެ. 6 ޓީމަކުން ލީގަށް ވާދަކުރާނެ ކަމަށް ކޮންޓޭ ބުނެފައިވާއިރު އެ ހަ ޓީމަކީ މިދިޔަ ސީޒަނުގެވެސް ގަދަ 6 ގައި ހިމެނުނު ޓީމުތައް ކަމަށް ގަބޫލުކުރެވެއެވެ.